އަފްޣާނިސްތާނުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒަކީ އަންވަރީ މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވަނީ ތާލިބާނުން އަފްޣާނިސްތާނު ހިފުމުން އެގައުމުން ފުރައިގެން ދިޔަ މަތިންދާބޯޓުން ވެއްޓިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 19 އަހަރުގެ ޒަކީ އަކީ އަފްޢާނިސްތާނުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެވެސް ކުޅުންތެރިއެކެވެ. ރިޕޯޓުތައް ބުނާގޮތުގައި ތާލިބާނުން އަފްޣާނު ހިފުމުން، އެގައުމުން ފުރައިގެން ދިޔަ މަތިންދާބޯށްޓަށް އެރުމަށް ޖާމާވެ ތިބި ހާހެއްހާ މީހުން ތެރޭގައި އޭނާވެސް ހިމެނޭ ކަމަށެވެ. އަދި ބޯޓަށް ނުއެރެވުމުން ބޯޓުގެ ފިޔަގަނޑު މައްޗަށާއި ފުރޮޅުގައިވެސް ގިނަބަޔަކު އަރާތިއްބެވެ. ބޯޓު ނައްޓާލުމާއެކު ބޭރުގައި ތިބި މީހުން ބޯޓުން ވެއްޓެން ފެށި މަންޒަރުވެސް ވަނީ މީސްމީޑިޔާގައި އާންމުވެފައެވެ. މި ހާދިސާގައި ފަނަރަ ވަރަކަށް މީހުން މަރުވިކަމަށާއި އެއީ ކޮންބައެއްކަން ސާފުވީ އޭގެ ދުވަސްތަކެއް ފަހުންނެވެ. 

އެގޮތުން އެ ހާދިސާގައި ޒަކީ މަރުވެފައިވާކަން ކަށަވަރުކޮށްދިނީ އެގައުމުގެ ކުޅިވަރާއި ޖިސްމާނީ ދުޅަހެޔޮކަމުގެ ވުޒާރާގެ އެންމެ އިސް ޖެނެރަލް އެވެ.

ޒަކީ އާއި އެކު ގައުމީޓީމަށް ކުޅެމުން އައި އެހެން ކުޅުންތެރިއަކު ވާހަކަ ދައްކަމުން ބުނީ ޒަކީ ވަކިވެގެން ދިއުމުން ހިތާމަ ކުރާކަމަށާއި ނަމަވެސް އެފަދަ ގޮތަކަށް އޭނާގެ ފުރާނަ ގޮސްފާނޭ ކަމަށް ހީވެސް ނުކުރާ ކަމަށެވެ. އަދި ޒަކީ އަކީ ފުޓުބޯޅައިގައި ވިދަމުން އައި ތަރިއެއް ކަމަށާއި ޒަކީ އަބަދުވެސް ދުނިޔޭގެ މަޝްހޫރު ކުލަބަކަށް ކުޅެން ބޭނުންވާ ވާހަކަ ދައްކާ ކަމަށެވެ.

ތާލިބާނުންގެ ފަރާތުން އަމާންކަމެއް ނެތްކަމަށް ގަބޫލުކޮށް ގިނަ ބަޔަކު އެގައުމު ދޫކޮށް ދިއުމަށް ވަނީ މަސައްކަތް ކޮށްފައެވެ.