ރާއްޖޭގެ އެކި ރަށްރަށުގައި 15 މެގަވޮޓުގެ ސޯލާ ޕީވީ ގާއިމްކޮށް، ތެލަށް ކުރާ ހަރަދުން އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު އެއްބަސްވުންތަކުގައި ސަރުކާރުން އިއްޔެ ސޮއިކޮށްފި އެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި މިއީ މިހާތަނަށް ރާއްޖޭގައި ސޮއިކުރެވުނު އެންމެ ބޮޑު ސޯލާ ޕީވީ އެއްބަސްވުމެވެ.

މި މަޝްރޫއުގެ ދަށުން ޕަވާ ޕަޗޭސް އެގްރީމަންޓް (ޕީޕީއޭ) އަދި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީއާ އެކުގަ އެވެ. މި އެއްބަސްވުންތަކުގައި ސިނަސޯގެ ފަރާތުން ކަންޓްރީ މެނޭޖަރު ޗާއޮ ޝޯމިންގް ސޮއިކުރެއްވި އިރު، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަލީ ޝަރީފެވެ.

އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ބޭނުންކޮށްގެން 20 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން، ރާއްޖެއަށް އެތެރެކުރާ ޑީސަލުން އަހަރަކު 15 މިލިއަން ލީޓަރު ސަލާމަތްކުރެވޭނެ އެވެ. އަދި މިއީ ވާދަވެރި ބީލަމުގެ އުސޫލުން، ވޯލްޑް ބޭންކް، ކްލައިމެޓް ޓެކްނޮލޮޖީ ފަންޑް، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (މީގާ) ގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއު ދެ ލޮޓަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ފުރަތަމަ ލޮޓުގައި ހިމެނެނީ ލ. އަތޮޅުގެ ހަ ރަށެއްގައި ގާއިމްކުރާ ދެ މެގަވޮޓުގެ ސޯލާ ނިޒާމެވެ. ދެވަނަ ލޮޓުގެ ދަށުން ސަރަހައްދީ ބޮޑެތި ރަށްތައް ކަމަށްވާ ށ. ފުނަދޫ، ޅ. ނައިފަރު، ލ. ގަން، ލ. ފޮނަދޫ، ލ. އިސްދޫ، ލ. ކަލައިދޫ އަދި ގއ. ވިލިނގިލީގައި 13 މެގަވޮޓުގެ ސޯލާ ހަކަތަ ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫއާ އެކު އެރައިޒް އަދި އެސްޕަޔާ މަޝްރޫއުގެ ދަށުން ގާއިމްކުރެވޭ ސޯލާ ހަކަތައިގެ މިންވަރު 34 މެގަވޮޓަށް އިތުރުވެގެންދާނެ ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ، ރާއްޖޭގެ ހަކަތައިގެ 33 ޕަސަންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ގައުމީ އަމާޒަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.