ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ކުޑަވާތީ، އުއްތަމަ ފަނޑިޔާރުގެ މުސާރަ އާއި އިނާޔަތްތައް 95،125 ރުފިޔާއަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މި ބަދަލު ގެންނަން ކޮމިޓީން ފާސްކުރީ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މަމްދޫހު ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް މިހާރު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ މަހަކު 91،000 ރުފިޔާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ އެ އަދަދު ކުޑަވާތީ، އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި އިތުރު 4،125 ރުފިޔާ ހަމަޖައްސައިދިނުމަށް އޭނާ ހުށަހެޅުއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މީގެ ކުރިން މުސާރައިގެ ގޮތުގައި ލިބެމުން ދިޔައީ މަހަކު 73،000 ރުފިޔާ އެވެ. ނަމަވެސް އެއީ މަޖިލީހުގެ ނައިބު ރައީސާއި މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކަށް ވުރެ ކުޑަ އަދަދަކަށް ވާތީ، މަޖިލިސް ރައީސްގެ ޖުމްލަ މުސާރައާއި އިނާޔަތްތައް 95،000 ރުފިޔާއަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ވަނީ މިދިޔަ ހަފުތާގައި ނިންމައިފަ އެވެ.
މީގެ އިތުރުން، ދައުލަތުގެ މަގާމުތަކުގެ މުސާރައިގެ ފަރަގު ނައްތާލުމަށް ކަމަށް ބުނެ، މިނިސްޓަރުންގެ މުސާރަ 75،000 ރުފިޔާއަށް ބޮޑުކުރަން ވެސް މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. ކުރިން މިނިސްޓަރުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 58،500 ރުފިޔާ ލިބެމުން ދިޔަ ނަމަވެސް، ކާރު އެލަވަންސާއި ޑްރައިވަރުންގެ ހަރަދުތަކާ އެކު އިތުރު 17،000 ރުފިޔާ ދިނުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެ ބަދަލުތަކުގެ ތެރޭގައި ޕެޓްރޯލް އެލަވަންސަށް 2،000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000 ރުފިޔާ އިތުރުކުރުން ހިމެނެ އެވެ. އަދި މި ބަދަލުތަކާ އެކު ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
