މީޑިއާތަކަށް އިންސާފުން ކަންކަން ކުރުމަށް ހުރަސްތަކެއް ހުރި ކަމަށް ވިދާޅުވެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ފަރުޝަތު މި މަގާމުން އިސްތިއުފާ ދެއްވީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފަރުޝަތު ފޮނުއްވި ސިޓީގައި ވިދާޅުވީ، ކޮމިޝަންގެ މަސައްކަތްތައް ފުރިހަމަކަމާ އެކު އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ރާވައި ހިންގުމަށް ހައްލުނުކުރެވޭ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އެ ސަބަބާ ހުރެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަރުޝަތު އެ ސިޓީގައި ލިޔުއްވާފައިވާ ގޮތުގައި، ރާއްޖެ ފުރިހަމަ ދިމިގުރާތީ ނިޒާމަކަށް ފުރޮޅެމުންދާ މި ދަނޑިވަޅުގައި، މީޑިއާތަކަކީ އިލްމީ ގޮތުންނާއި މާލީ ގޮތުން މިނިވަން މާހައުލެއްގައި އާންމުންގެ ހައްގުތައް ކަށަވަރުކުރުމުގައި ޒިންމާ އަދާކުރާ ބަޔަކަށް ވާންޖެހެއެވެ. އަދި މީޑިއާއަށާއި ކޮމިޝަނަށް އަބަދުވެސް ހެޔޮ ގޮތް މެދުވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަރުޝަތު އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަންގައި މިހާރު ތިއްބެވީ ނައިބު ރައީސް ޒަމްއަތު އަހްމަދު ވަހީދާއި، ސަފާ ޝަފީގާއި، އާމިނަތު ސަރާހަތު އިއްޒަތާއި، ހުސައިން ސަގީފް އިހްސާންގެ އިތުރުން ސިމާހާ ނަސީމް އަދި އަބްދުލްއަޒީޒް އިބްރާހީމެވެ. މި ބޭފުޅުންނަކީ ސަރުކާރުން އަލަށް އެކުލަވާލި ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރުންނެވެ.

މިހާރު އަމަލުކުރަމުންދާ އާ ގާނޫނަކީ މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެ، ނޫސްވެރިންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް މީގެ ކުރިން ވެސް ވަނީ ފާޅުކޮށްފައެވެ.