ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކުރުމަށްފަހު، އެ އަޑުއެހުން ކެންސަލްކޮށް ފަސްކޮށްފިއެވެ. މި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލުމަށްފަހު، މާދަމާ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ކުރިން ތާވަލުކުރި ނަމަވެސް، މާދަމާ އެ އަޑުއެހުން ނޯންނާނެކަން ކޯޓުން މިހާރު ވަނީ ޔާމީންގެ ވަކީލުންނަށް އަންގާފައެވެ. އަދި ދެން މި މައްސަލައިގައި ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ވަކި ތާރީހެއް ކްރިމިނަލް ކޯޓުން އަދި ހާމައެއް ނުކުރެއެވެ.
ފުއްގިރި މައްސަލައަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ބިޑަކާ ނުލައި ދުބާއީގެ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް 1.55 މިލިއަން ޑޮލަރަށް އެ ރަށް ދޫކުރި މައްސަލައެކެވެ. ދައުލަތުން ބުނާ ގޮތުގައި މިއީ ރައީސް ޔާމީނަށް މާލީ މަންފާތަކެއް ހޯދައިދިނުމުގެ ބޭނުމުގައި، ދައުލަތަށް ކުޑަ އަގެއް ވަންނާނެހެން ރާވައިގެން ހިންގި މުއާމަލާތެކެވެ. މި މުއާމަލާތުން ބާކީވި ފައިސާ ޔާމީނަށާއި ޕާޓީއަށް ލިބޭ ގޮތަށް އިންތިޒާމު ކުރި ކަމަށް ވެސް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން ޖުމްލަ ހަ ފަރާތަކަށް އެކި ދައުވާތައް ކުރިން އުފުލިއެވެ. ނަމަވެސް، މި މައްސަލައިގައި ދެން ހިމެނޭ އެހެން ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދައުލަތުން ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން މިހާރު މި މައްސަލައިގައި ދައުވާ އޮތީ ހަމައެކަނި ރައީސް ޔާމީންގެ މައްޗަށެވެ.
