ދުނިޔޭގެ ޖަވާހިރުގެ ތާރީހުން ހާއްސަ ޖާގައެއް ހޯދާފައިވާ، ގުދުރަތީ ގޮތުން އުފެދިފައިވާ ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ކަޅު ޖަވާހިރެއް ކަމަށްވާ "އިންފިނިޓީ" ފުރަތަމަ ފަހަރަށް ދުބާއީގައި އާންމުންނަށް ދައްކާލައިފި އެވެ. މި ތާރީހީ ޖަވާހިރު ދައްކާލާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި މިހާރު ކުރިއަށްދާ ދުބާއީ ޑައިމަންޑް ކޮންފަރެންސްގެ ތެރެއިންނެވެ. ޖުމްލަ 888.88 ކެރަޓުގެ ބަރުދަން ހުރި މި އަގުބޮޑު ޖަވާހިރަކީ ގުދުރަތީ ފެންސީ ބްލެކް ޑައިމަންޑްތަކުގެ ތެރެއިން މިހާތަނަށް ފެނިފައިވާ އެންމެ ހައިބަތު ބޮޑު އެއް ޖަވާހިރެވެ.
މި އާދަޔާ ހިލާފު ކަޅު ޖަވާހިރަކީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އިން ފެނުނު، ބަރުދަނުގައި 1،138 ކެރަޓު ހުރި ވަރަށް ބޮޑު ރޯ ޖަވާހިރު ގާގަނޑަކުން ކަފައި ވަކިކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. މި ރޯ ގާގަނޑަކީ 1975 ވަނަ އަހަރު ޑީ ބިއާސް ކުންފުނީގެ ފަރާތުން ހޯދި ވަރަށް އަގުހުރި ހޯދުމެކެވެ. އޭގެ ފަހުން ޒަމާންތަކަކަށް ފަހު، މި ޖަވާހިރު ވަނީ ދުނިޔޭގެ ޖަވާހިރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ސަމާލުކަމެއް ހޯދާފަ އެވެ.
ޖެމޮލޮޖިކަލް އިންސްޓިޓިއުޓް އޮފް އެމެރިކާ (ޖީއައިއޭ) އިން 2013 ވަނަ އަހަރު ރަސްމީކޮށް ކަނޑައަޅާފައިވާ ގޮތުގައި، މި ރޯ ކްރިސްޓަލް އަކީ އެ އިންސްޓިޓިއުޓުން އެ އަހަރާ ހަމައަށް ދިރާސާކޮށް ބަލާފައިވާ އެއްގާގަނޑަކުން ފެނުނު ގުދުރަތީ އެންމެ ބޮޑު ޖަވާހިރެވެ. މިކަމުގެ ސަބަބުން މި ޖަވާހިރު ވެގެން ގޮސްފައިވަނީ ބިމުގެ އަޑީގެ ގުދުރަތީ މުއްސަނދިކަން އަންގައިދޭ ވަރަށް ނާދިރު، ތާރީހީ ބޮޑު ހެއްކަކަށެވެ.
ދުބާއީގެ ކޮންފަރެންސްގައި މި ޖަވާހިރު ދައްކާލުމާ އެކު، ބައިނަލްއަގުވާމީ ގިނަ މާހިރުން ވަނީ މި މަސައްކަތުގެ ފުރިހަމަކަން ފާހަގަކޮށް ތައުރީފު ކޮށްފަ އެވެ. މިފަދަ ބޮޑު ކަޅު ޖަވާހިރެއް ފުރިހަމަ ބައްޓަމަކަށް ގެނައުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި، މިއީ އިންޖިނިއަރިން އަދި ފަންނީ ގޮތުން ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ދާއިރާގެ ތަޖުރިބާކާރުން ބުންޏެވެ.
މި ޖަވާހިރުގެ ފުރިހަމަ ބައްޓަން ނެރުމަށްޓަކައި 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ދެ އަހަރު ދުވަހުގެ ބުރަ މަސައްކަތެއް ވަނީ ކޮށްފަ އެވެ. އެގޮތުން ޖަވާހިރުގެ ގުދުރަތީ ސިފަތަކަށް އެއްވެސް އުނިކަމެއް ނާންނާނެހެން ވަރަށް ފަރުވާތެރިކަމާ އެކު ޕްލޭންކޮށް، ކަފައި އަދި ޕޮލިޝްކުރުމަށް ފަހު ނެރުނު ފައިނަލް ނަތީޖާއަކީ މިހާރު ފެންނަން ހުރި 888.88 ކެރަޓުގެ "އިންފިނިޓީ" އެވެ. މި ޖަވާހިރު ދައްކާލުމާ އެކު ދުނިޔޭގެ ޖަވާހިރު މާކެޓުގައި މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވާ އެކައްޗަކަށް މި ޖަވާހިރު މިހާރު މިވަނީވެފައެވެ.
