ދިރުމެއް މަރުވުމަށްފަހު ވެސް އޭގެ ސެލްތަކުން އަމިއްލައަށް އާ ބާވަތެއްގެ ދިރުންތަކެއް އުފެދި ހަރަކާތްތެރިވާ ކަން ސައިންސްވެރިންގެ އާ ދިރާސާއަކުން ދައްކައެވެ. މި ހޯދުމާ އެކު ދިރުމާއި މަރުވުމާ ދެމެދު އޮންނަ އިމާމެދު މީގެ ކުރިން ދެކެމުން އައި ވިސްނުންތަކަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މިއީ ހަށިގަނޑު މަރުވުމަށްފަހު އިންސާނާ ދުނިޔޭގައި ދެމިހުރުމެއް ނޫނެވެ. ނަމަވެސް މިއީ މަރުވެފައިވާ ހަށިގަނޑުން ނަގާ ވަކިވަކި ސެލްތަކަކަށް ބޭނުންވާ މާހައުލު ލިބުމުން، އަމިއްލައަށް ބަދަލުވެ އާ ބާވަތެއްގެ ބޮޓްތަކަކަށް ބަދަލުވުމުގެ ގާބިލުކަން ލިބިގެންވާ ކަން ހާމަވާ ކަމެކެވެ.

އެމެރިކާގެ ވޮޝިންޓަން ޔުނިވަރސިޓީގެ ޕްރޮފެސަރު ޕީޓާ ނޯބަލް އިސްވެ ހުންނަވައި 2024 ވަނަ އަހަރު ޝާއިއުކުރެއްވި ދިރާސާއެއްގައި މި ހާލަތަށް ދީފައިވާ ނަމަކީ "ތާޑް ސްޓޭޓް" އެވެ. ދިރާސާވެރިން ބުނި ގޮތުގައި ދިރުމެއް މަރުވުމަކީ ހުރިހާ ސެލްތަކެއް އެއްފަހަރާ މަސައްކަތް ހުއްޓާލުމެއް ނޫނެވެ. އެގޮތުން ލެބޯޓްރީގެ ތެރޭގައި އެކަށީގެންވާ ކާނާއާއި އޮކްސިޖަން ލިބޭނެ ގޮތް ހަދައިދިނުމުން، އެ ސެލްތައް އެކަތިގަނޑަކަށް އެއްވެ، މުޅިން އާ ގޮތްތަކަށް ހަރަކާތްތެރިވާ ކުދި ދިރުންތަކެއް އުފައްދައެވެ.

މި ތަހުލީލުތަކުގައި ސައިންސްވެރިން ވަނީ މަރުވެފައިވާ ބޮކުގެ ކުދި ސެލްތަކެއް ބޭނުންކޮށްގެން އަމިއްލައަށް ފަތާފައި ދަތުރުކުރާ ކުދި ޒެނޯބޮޓްސް އުފައްދާފައެވެ. އަދި އިންސާނާގެ ފުއްޕާމޭގެ ސެލްތައް ބޭނުންކޮށްގެން އެންތްރޯބޮޓްސް ވެސް ވަނީ އުފައްދާފައެވެ. މި ބޮޓްތަކަކީ އެ ސެލްތައް އަސްލު ހަށިގަނޑުގައި ހުރިއިރު ކުރި މަސައްކަތްތަކާ މުޅިން ހިލާފަށް، ކުދި އިސްތަށިތަކެއް ފަދަ ބައިތަކެއް ބޭނުންކޮށްގެން ދަތުރުކުރުމުގެ އިތުރުން ގެއްލުންވެފައި ހުންނަ ނާރު ސެލްތައް މަރާމާތުކޮށްދިނުމުގެ ސިފަ ލިބިފައިވާ ތަކެއްޗެވެ.

ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނީ މިފަދަ ބަދަލުތަކަކީ އާދައިގެ ހާލަތްތަކުގައި ސެލްތަކުން ފެންނަ ކަމެއް ނޫން ކަމަށެވެ. "ދިރުމާއި މަރުވުމަކީ އަބަދުވެސް ދެ އިދިކޮޅު ހާލަތު ކަމަށް ބެލެވުނު ނަމަވެސް، މަރުވެފައިވާ ހަށިގަނޑެއްގެ ސެލްތަކުން އާ ގޮތަކަށް އުފެދޭ މި ދިރުންތަކަކީ މި ދެމެދުގެ އިންތައް ފަހަނައަޅައިދާ ކަމެއް،" ދިރާސާ ޓީމުން ބުންޏެވެ. އަދި މިއީ ސެލްތަކުގައި އަދިވެސް ހޯދިފައި ނުވާ އެތައް ކުޅަދާނަކަމެއް ހުރިކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށް ވެސް އެ ޓީމުން ފާހަގަކުރިއެވެ.

މި ބޮޓްތަކަކީ ދާއިމީކޮށް ދިރިހުންނަ ތަކެއްޗެއް ނޫން ކަމަށާއި އާންމުކޮށް ހަތަރު ހަފުތާއާއި ހަ ހަފުތާއާ ދެމެދުގެ މުއްދަތަކަށް ފަހު އެ ތަކެތި ނެތިގެންދާ ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް ބަލިމީހާގެ އަމިއްލަ ސެލްތައް ބޭނުންކޮށްގެން އުފައްދާ މިފަދަ ބޮޓްތަކުގެ އެހީގައި، ހަށިގަނޑުގެ އެތެރޭގައި ލޭހޮޅިތައް ސާފުކުރުމާއި ވަކި ހިސާބުތަކަށް ބޭސް ފޯރުކޮށްދިނުމުގެ ފުރުސަތު ކުރިމަގުގައި ހުޅުވިގެންދާނެ ކަމަށް މެޑިކަލް ދާއިރާގެ މާހިރުން އުންމީދު ކުރެއެވެ.

ރިފަރެންސް:

ނޯބަލް، ޕީ. އޭ. (2024). ބަޔޯބޮޓްސް އެރައިސް ފްރޮމް ދަ ސެލްސް އޮފް ޑެޑް އޯގަނިޒަމްސް. ދަ ކޮންވަސޭޝަން.