މިފަހަރުގެ ސީޒަނަށް މެންޗެސްޓާ ސިޓީން ބޮޑު އަގުގައި ގެނައި އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝްގެ ލަނޑާއެކު އެ ޓީމުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީ ބަލިކޮށްފިއެވެ.

މިއީ ސިޓީން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. މިދިޔަ ސީޒަނުގައި އެ ޓީމު ކުޅުނު އެންމެ ފަހު މެޗުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޗެލްސީ އަތުން 1-0 އިން ބަލިވިއިރު، ސީޒަން ހުޅުވުމަށް ކުޅެވުނު ކޮމިއުނިޓީ ޝީލްޑް މެޗުން ލެސްޓާ ސިޓީ އަތުން ބަލިވީ ވެސް ހަމަ އެ ނަތީޖާއިންނެވެ. އަދި އޭގެފަހުން، މި ފަހަރުގެ ސީޒަނުގެ ލީގުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން ބަލިވީ ވެސް 1-0 އިންނެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުން ލީޑްނެގީ ހަތްވަނަ މިނެޓުގައި ނޯވިޗްގެ ކީޕަރު ޓިމް ކްރުލް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އޭގެފަހުން، މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖެސޫސް ތަނަވަސްކުރި ފުރުޞަތަކުން ގްރީލިޝް ކާމިޔާބުކުރި ގޯލާއެކު ސިޓީން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 19 ވަރަކަށް މިނެޓުގެ ތެރޭގައި، މެޗުގެ 64 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑުޖަހައިދިނީ ސްޕެއިނުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ. އަދި އޭގެ ހަތް މިނެޓުފަހުން، އެ ޓީމުގެ ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގައި ކުޅެން ނިކުތް އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ކާމިޔާބުކުރީ ޖެސޫސް ދިން ބޯޅައަކުންނެވެ. މެޗުނިމެން ހަ މިނެޓަށްވެފައިވަނިކޮށް ސިޓީގެ ފަހު ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލްޖީރިއާގެ ވިންގާ ރިޔާދް މާރޭޒް އެވެ.

ލީގުގައި މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ނޯވިޗް ބަލިކުރީ 2-0 އިންނެވެ. މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ޑިއޯގޯ ޔޮޓާ އާއި ސަޑިއޯ މާނޭ އެވެ. ލިވަޕޫލުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 18 ވަނަ މިނެޓުގައި ޔޮޓާ ކާމިޔާބުކޮށްދިނީ ގްރީސްގެ ފުލްބެކް ކޮންސްޓަންޓިނޯސް ސިމިކާސް ނަގައިދިން ހުރަހަކުންނެވެ.

ބާންލީ އަށް އެއްވަރުކޮށްދޭން ޖޭމްސް ޓާކޯވްސްކީ އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު، މެޗުގެ 69 ވަނަ މިނެޓުގައި މާނޭ ކާމިޔާބުކުރީ އެ ޓީމުގެ އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ތަނަވަސްކުރި ފުރުޞަތަކުންނެވެ. އޭގެކުރީން، ލިވަޕޫލްގެ ލީޑް ފުޅާކޮށްދޭން މާނޭ އަށް ލިބުނު ދެ ފުރުޞަތެއްގައި ފޮނުވާލި ދެ ބޯޅަވެސް ބާންލީގެ ކީޕަރު ނިކް ޕޯޕް މަތަކުރިއެވެ.

މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް އަތުން އެސްޓަން ވިލާ މޮޅުވިއިރު، ވަޓްފޯޑް އަތުން ބްރައިޓަން މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑް ކުޅުނު މެޗުން ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު، ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އެވަޓަން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.