ރަސްމާލޭގައި ރަލާއި އޫރުމަސް ވިއްކުމާއި، ކެސީނޯ ހިންގުން ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނޯންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުންނެވެ.

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްގީކުރާ ވޯޓަރފްރަންޓާއި މެރީނާ މަޝްރޫއު ނިމި ހިދުމަތް ދޭން ފެށި ނަމަވެސް، އެ ތަނުގައި ރަލާއި އޫރުމަސް ވިއްކުމުގެ އިތުރުން ޖުވާކުޅޭ ކެސީނޯތައް ނުހުންނާނެ ކަމަށެވެ.

މީގެއިތުރުން، ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހިންގޭ، ފުރިހަމަ ހާމަކަން ބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ސިއްރުވެފައިވާ އެއްވެސް ކަމެއް މި މަޝްރޫއުގެ ތެރޭގައި ނޯންނާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ރަސްމާލެ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ޒަމާނީ ފެންވަރުގެ އިމާރާތްތަކާއި، ޓޫރިޒަމާއި ވިޔަފާރީގެ މައި ވަސީލަތްތައް އެކުލެވޭ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައެވެ.

މި ބިޔަ މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުސަތުތަކެއް ފަހިވެ، ދިވެހިރައްޔިތުންނަށް އިގްތިސާދީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.