އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމަށް މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖު ހަމަޖައްސަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ހާމަވެއްޖެއެވެ. މި އަޑުތައް ގަދަވެގެން ދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި ރިޔާސީ މަތިންދާބޯޓު "އެއާފޯސް ވަން" ގައި ނިކީ މިނާޖު ކުރި ދަތުރެއްގެ ތެރެއިން ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއަކާ ގުޅިގެންނެވެ.

މި ވާހަކަތައް އުފެދެން ދިމާވީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކާރިއާ ކުއްލި ގޮތަކަށް މަގާމުން ވަކިވުމާ ގުޅިގެން، އެ މަގާމު ހުސްވެފައިވާ ދަނޑިވަޅެއްގައެވެ. މިޝިގަންގެ ޕޯޓް ހިއުރޮންގައި ބޭއްވި ސިޔާސީ އެއްވުމަކަށް ރައީސް ޓްރަމްޕް ދަތުރުކުރެއްވި ވަގުތު، ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗެންގް ވަނީ ބޯޓުގެ ތެރޭގައި ނިކީ މިނާޖާ އެކު މަޖާ އިންޓަވިއުއެއް ކޮށްފައެވެ. އެ ވީޑިއޯގައި ނިކީ މިނާޖު ވަނީ ސީރިއަސް ރާގެއްގައި ޓްރަމްޕްގެ މަސައްކަތުގެ ވައްޓަފާޅިއަށާއި އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ.

އެ އިންޓަވިއުއަށް ފަހު، އެ ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޗެންގް ހިއްސާކުރިއެވެ. އަދި އެ ޕޯސްޓްގައި އޭނާ ބުނީ "އާ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ފެނުނީ ކަމަށް ބެލެވޭ" ކަމަށެވެ. މިއީ ސަމާސާއަކަށް އޭނާ ލިޔުނު ވާހަކައެއް ނަމަވެސް، މި ޕޯސްޓް ވަގުތުން ވައިރަލްވެ، އާންމުންގެ މެދުގައި ބޮޑު ސުވާލުތަކެއް ވަނީ އުފެދިފައެވެ.

މި ވީޑިއޯ ވައިރަލްވުމާ އެކު ހޮލީވުޑްލައިފް އަދި ޓީއެމްޒެޑް ފަދަ މީޑިއާތަކުން ވެސް މި ވާހަކަ ސަމާލުކަމަށް ގެނައެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި މިއީ ސިޔާސީ މަގާމަކަށް މީހަކު ހަމަޖެއްސުމުގެ ބަދަލުގައި، ސަމާސާ ގޮތަކަށް ދައްކާފައިވާ ވާހަކައެކެވެ. މި މަގާމަށް ނިކީ މިނާޖު އައްޔަންކުރުމުގެ އެއްވެސް ރަސްމީ ވިސްނުމެއް ނެތް ކަމަށް ވެސް ވަނީ އެނގިފައެވެ.

މި ހާދިސާއާ ގުޅިގެން ވައިޓް ހައުސް އިން ވެސް މިފަދަ އެއްވެސް ނިންމުމެއް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. އެހެންކަމުން ނިކީ މިނާޖު އެ މަގާމަށް ހަމަޖައްސަން އުޅޭކަމަށް ފެތުރެމުންދާ ހަބަރުތަކަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ދެކެވުނު މަޖާ ވާހަކައަކުން އުފެދުނު އަޑުތަކެއް ކަން މިހާރު ވަނީ ސާފުވެފައެވެ.