ހުޅުމާލޭ ފޭސް 2 ގައި ހުންނަ ފިހާރައެއްގެ ޑިޖިޓަލް ބޯޑެއް ހެކްކޮށް، ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ވިނަރެސް ޓަވަރެއްގެ ތިރީގައި ހިންގާ ފިހާރައެއްގައެވެ.
ފުލުހުން ބުނީ މިފަދަ މަންޒަރެއް ބިލްބޯޑުން ފެންނަން ހުރި ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 3:23 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާ އެކު ފުލުހުން ވަގުތުން ފިޔަވަޅު އަޅައި، އެ ފިހާރައިގެ ވެރިފަރާތާ ގުޅިގެން އެލްއީޑީ ސްކްރީން ވަނީ ނިއްވާލާފައެވެ.
އެ ފިހާރައިގެ ސްކްރީނުން އަންހެނެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އެޅުވުމަށް ފަހު، އެއާ އެކު އަރުވާފައިވާ ލިޔުމުގައި "ހެކްޑް ބައި ލީކާސް" އޭ ލިޔެފައި އޮތެވެ. އަދި އެމީހުންގެ ޓެލެގްރާމް ލިންކުވެސް ލިޔެފައި އޮތެވެ.
ފުލުހުން ބުނީ މިފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
