ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން 1-1 އިން ދެ ޓީމު އެއްވަރުވެއްޖެއެވެ.

ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ފުރަތަމަ ހާފުގައި ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ބިލްބާއޯގެ އޮހިއަން ސާންސެޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. މި ހާފުގައި ބާސެލޯނާގެ އިތުބާރު ޑިފެންޑަރު ޖެރާޑް ޕީކޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. ޕީކޭގެ ބަދަލުގައި ކުޅެން ނިކުތް ރޮނާލްޑް އަރައޫހޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ބިލްބާއޯ އިން ވަނީ ލީޑްނެގުމާ ގާތަށް ޖެހިލާފައެވެ. އެ ޓީމުގެ ފޯވާޑް އިނާކީ ވިލިއަމްސް ދިން ބޯޅައަކުން އަލެކްސް ބެރެންގުއާ ފޮނުވާލި ބޯޅަ ބާސެލޯނާގެ ޑިފެންޑަރު އަރައޫހޯ ސަލާމަތްކުރީ ގޯލްގެ ރޮނގުމަތިންނެވެ. ބިލްބާއޯ އިން ލީޑްނެގީ މެޗުގެ 50 ވަނަ މިނެޓުގައި އިކާ މުނިއައީން ތަނަވަސްކުރި ފުރުޞަތަކުން އިނީގޯ މާޓިނޭޒް އެވެ. މިއީ މުނިއައީން ނެގީ ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.

ބާސެލޯނާ އިން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވީ، މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ހޮލެންޑްގެ ފޯވާޑް މެމްފިސް ޑިޕާއީ ކާމިޔާބުކުރި ގޯލުންނެވެ. ޑިޕާއީ މި ލަނޑުޖެހީ ސާޖީ ރޮބާޓޯ ދިން ބޯޅައަކުންނެވެ. އޭގެކުރީން، ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. އަދި މެޗު ނިމެން ދަނިކޮށް ބާސެލޯނާގެ ޑިޕާއީ އާއި ބިލްބާއޯގެ ނިކޯ ވިލިއަމްސް އަށް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މެޗުގެ އިތުރުވަގުތުގައި ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ގާސިއާ އަށް ރަތް ކާޑު ދެއްކީ އެންމެ ފަހަތުގައި ހުރެ ވިލިއަމްސް އަށް ފައުލްކުރުމުންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ގްރަނާޑާއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުން ދެ ޓީމު 1-1 އިން އެއްވަރުވިއިރު، އެސްޕަންޔޯލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. ޑިޕޯޓިވޯ އަލާވެސް އަތުން ރެއާލް މަޔޯކާ މޮޅުވީ 1-0 އިންނެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި އެލްޗޭއާ ދެކޮޅަށް ނިކުންނަ މެޗާއި، ވާދަވެރި ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ލެވަންޓޭއާ ބައްދަލުކުރާ މެޗު ހިމެނެއެވެ.