ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި، މުޖުތަމައުގެ އަހުލާގީ ފެންވަރު ދަށަށް ގޮސް އާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިއްޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތައުލީމު ކަމަށް ހަނދާންކޮށްދީފިއެވެ.
]"އާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު އިއްވި ހުތުބާގައި ވަނީ، ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ އާއިލާތައް ހަރުދަނާކުރެވިގެން ކަމަށް ބަޔާންކޮށްފައެވެ.
ހުތުބާގައި ބުނީ ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައި ކަމަށާއި، އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވަނީ މައިންބަފައިން ދޭ ތައުލީމާއި ތަރުބިއްޔަތުން ކަމަށެވެ. އެހެންކަމުން، ކުދިން ބޮޑެތިވަމުން އަންނައިރު މައިންބަފައިންނަށް ކިޔަމަންތެރިވުމަށާއި، ގާތްތިމާގެ މީހުންނަކީ ކޮބައިކަން ބުނެދީ، އެ މީހުންނާ ގުޅުން ބަދަހިކުރަން ކުޑައިރުއްސުރެ ދަސްކޮށްދޭން ޖެހޭނެ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
މީގެ އިތުރުން އިސްލާމްދީނުގައި ރަހިމުގެ ގުޅުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، އެ ގުޅުމަށް ނަންދެވިފައިވަނީ ވެސް މާތް الله ގެ އިސްމުފުޅު "الرَّحْمَـٰن" އާ ގުޅުވައިގެން ކަމަށެވެ. އަދި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުގު ތަނަވަސްވެ، އުމުރުގައި ބަރަކާތްލައްވާ ކަމެއް ކަމަށް ކީރިތި ރަސޫލާ ﷺ ގެ ހަދީސްފުޅުން އެނގެން އޮތް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން ހުތުބާގައި ބުނީ، އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ރަހިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެ ކަމަށެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުސޫލުން އަނެކަކު ކޮށްދޭ ކަމަކަށް ބަދަލުދިނުން ނޫން ކަމަށާއި، ހަގީގީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ އަނެކަކު އެ ގުޅުން ކަނޑައިލި ނަމަވެސް، އެ ގުޅުން ގުޅުވައި ދަމަހައްޓާ މީހާއެވެ. އަދި މައިންބަފައިންގެ އެންމެ އިސް ވާޖިބަކީ ދަރިންގެ ހައްގުތަކަށް ރައްކާތެރިވެ، އުމުރުން ހަތް އަހަރުވުމުން ނަމާދުކުރަން އަމުރުކޮށް ދީނީ އަދަބުތަކަށް އެ ކުދިން އަހުލުވެރިކުރުވުން ކަމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވިއެވެ.
