ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާން އޭނާގެ ދުވަހީ ދިރިއުޅުމުގެ އާދަތައް ހާމަކުރުމާ ގުޅިގެން، އެފަދަ ވައްޓަފާޅިއަކަށް އާންމުން އަމަލުކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ދަ ގާޑިއަން އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝާހްރުކް ބުނެފައިވަނީ އޭނާ ނިދަނީ ފަތިހު 5:00 ގައި ކަމަށާއި، ފިލްމު ޝޫޓިންތައް އޮންނަ ދުވަސްވަރު ހޭލަނީ ހެނދުނު 9:00 އާއި 10:00 އާ ދެމެދު ކަމަށެވެ. މީގެ އިތުރުން އޭނާ ދުވާލަކު ކަނީ އެންމެ އިރަކު ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ޝާހްރުކް ބުނި ގޮތުގައި އޭނާ މަސައްކަތް ނިންމާލުމަށްފަހު ގެއަށް އާދެވެނީ ދަންވަރު ގާތްގަނޑަކަށް 2:00 ހާއިރު އެވެ. އަދި ނިދަން ދިއުމުގެ ކުރިން ފެންވަރައި، ބައިގަޑިއިރުގެ ވަރުގަދަ ކަސްރަތު ސެޝަނެއް ފުރިހަމަކުރާ ކަމަށް އޭނާ ބުންޏެވެ. ދުވާލަކު އެންމެ އިރަކު ކެއުމުގެ އާދަ ގެންގުޅެނީ އިންޓަމިޓެންޓް ފާސްޓިން ފަދަ ޑައެޓެއް ފޮލޯކުރުމުގެ ބަދަލުގައި، އަމިއްލަ އިހުތިޔާރުގައި ކަމަށްވެސް އޭނާ ހާމަކުރިއެވެ. މި އެއް އިރުގެ ކެއުމުގައި އޭނާ މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ގްރިލްޑް ޗިކަން އާއި ބްރޮކޮލީ، މުގު އަދި ސްޕްރައުޓްސް ފަދަ ޕްރޮޓީން އަދި ފައިބަރު ގިނަ ކާނާއެވެ.
މިކަމާ ގުޅިގެން ކްލިނިކަލް މާހިރުން ބުނެފައިވަނީ ޝާހްރުކް ހާންގެ މި އާދަޔާ ހިލާފު ވައްޓަފާޅިއަކީ އޭނާގެ ބުރަ މަސައްކަތުގެ ތާވަލާ ގުޅިފައިވާ ކަމެއް ކަމުގައި ވިޔަސް، ސިއްހީ އިރުޝާދަކާ ނުލައި އެހެން މީހުން މި ގޮތަށް އަމަލުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. ދުވާލަކު އެންމެ އިރަކު ކައިގެން ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ހަކަތައާއި މުހިންމު ނިއުޓްރިއެންޓްސް އެއްފަހަރާ ހޯދުމަކީ އާންމު ހާލަތްތަކުގައި ދަތި އުނދަގޫ ކަމެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.
އަދި މީގެ އިތުރުން ޝާހްރުކް ފަދައިން ދުވާލަކު އެންމެ ހަތަރެއް ނުވަތަ ފަސް ގަޑިއިރު ނިދުމަކީ އިންސާނާގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި، މަސްތަކުގެ ކުރިއެރުމާއި ހަށިގަނޑުގެ ސެލްތައް އާލާވުމަށްޓަކައި ދުވާލަކު 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދުގެ އަރާމު ނިދި ބޭނުންވާނެ ކަމަށް މާހިރުން ބުނެއެވެ.
އެހެންކަމުން މީހުންގެ މަގުބޫލު ތަރިން އަމަލުކުރާ މިފަދަ ހަރުކަށި އުސޫލުތައް އެއްވެސް ބެލުމެއް ނެތި ކޮޕީ ނުކުރުމަށާއި، ބަރުދަން ލުއިކުރުމަށާއި ކަސްރަތު ކުރުމުގައި އަމިއްލަ ހަށިގަނޑާ ގުޅޭ ރައްކާތެރި ޕްލޭނަކަށް އަމަލުކުރުމަށް ސިއްހީ އިދާރާތަކުން ނަސޭހަތްތެރިވެއެވެ.
