ސްޕެއިންގެ ދެކުނުބިތުގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ސްޕެއިންގައި ހިނގި މި ރޭލު އެކްސިޑެންޓުގައި މިހާތަނަށް 69 މީހުން މަރުވެފައިވާއިރު، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބި ޒަހަމްވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި ހިތާމަވެރި ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި މި ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެންފައެވެ. އަދި މި އެކްސިޑެންޓުގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
