ކައިވެނިން ބޭރުން ހިންގި ސިއްރު ގުޅުމަކަށް ހުރަސްއެޅިދާނެތީ، ޖިމް ޓްރެއިނަރަކާ ގުޅިގެން ނިދާފައި އޮތް ފިރިމީހާ މަރާލަން ރޭވި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފިއެވެ. އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ގާޒިޔާބާދުގައި ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ ނިއު ދިއްލީގެ ޕޯސްޓަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޕްރިޔާ ޝަރުމާ އާއި އޭނާގެ ލޯބިވެރިޔާ ޕްރަތާޕް ސިންގެވެ. މި ހަމަލާގައި ޒަހަމްވި އުމުރުން 35 އަހަރުގެ ޝަޝަންކް ކަންތަރިޔާ އަށް މިހާރު ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ސީރިއަސް ހާލަތެއްގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ތަހުގީގަށް ހޯދިފައިވާ ސީސީޓީވީ ފުޓޭޖުތަކުން ދައްކާ ގޮތުގައި، ޕްރިޔާ ވަނީ ކަސްރަތު ކުރަން ޖިމަށް ދާ ކަމަށް ހެދިގެން، ގޭގެ މައި ދޮރު ތަޅުނުލައި ދޫކޮށްލާފައި ގޮސްފައެވެ. އެއަށްފަހު، އެ ސަރަހައްދުގައި މަޑުކޮށްގެން ހުރި ޖިމް ޓްރެއިނަރު ޕްރަތާޕް ގެއަށް ވަދެ، ތިން އަހަރުގެ އަންހެން ދަރިފުޅު ކައިރީ ނިދާފައި އޮތް ޝަޝަންކަށް ވަޅިން ހަމަލާދިނެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ގުޅުމުގެ މައުލޫމާތު ފިރިމީހާއަށް ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެނގި، އަނބިމީހާ އެ ޖިމަށް ދިއުން ހުއްޓުވާފައިވާ ކަމަށެވެ. އަދި މި ގުޅުމުން ދުރުވުމުގެ ގޮތުން ދިއްލީން އެހެން ގެއެއް ކުއްޔަށް ހިފައިގެން ބަދަލުވާން ޝަޝަންކް ތައްޔާރުވަމުން ދަނިކޮށް، އެ ދެމީހުންގެ މެދުގައި އޮތް ގުޅުން ކެނޑިދާނެތީ ފިރިމީހާ މަރާލަން ރޭވީ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. މި ހަމަލާ ދިނުމަށް ޕްރަތާޕް ވަދެފައިވަނީ ދެ ވަޅި ހިފައިގެން ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ގާޒިޔާބާދުގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ސޫރްޔަބަލީ މައުރިޔާ ވިދާޅުވީ، ދެ ތުހުމަތުވެރިންވެސް ފުލުހުންގެ ބަންދުގައި ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި މަރާލުމުގެ ނިޔަތުގައި ދިން މި ހަމަލާގައި ޝަޝަންކްގެ ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވީ ނަމަވެސް، ފުރާނަ ސަލާމަތްވެ މިހާރު ދަނީ ޔަޝޯދާ މެޑް ސިޓީ ހޮސްޕިޓަލުގައި ހާއްސަ ފަރުވާ ދެމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަމަލާއަށްފަހު ޕްރަތާޕް ފިލަން ދުއްވައިގަތް ވަގުތު، އަޑުގަދަވެގެން ނުކުތް އަވަށްޓެރިންނާއި ސެކިއުރިޓީ ގާޑުން ވަނީ ސައިކަލުގައި އޭނާ ފަހާ ދުވެ އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފައެވެ. މި މައްސަލައިގައި އިންދިރާޕުރަމް ޕޮލިސް ސްޓޭޝަނުން ވަނީ ގަސްދުގައި މީހަކު މަރާލަން އުޅުމާއި ކުށެއް ރޭވުމުގެ މާއްދާތަކުގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށް، ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.