ރ. މަޑުއްވަރީ އާއި ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރީޢުގެ ބޮޑުބައި ނިމިއްޖެކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 29 އިންސައްތަ މަސައްކަތް ނިމި، މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލަ 25 އޯގަސްޓް ގައި އެރަށަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ހަތްދިހަ ދެހާސް އަށްސަތޭކަ ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ދެހާސް އަށްސަތޭކަ ފަންސަވީސް ސްކުއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 68.66 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭ އިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 29 ނޮވެމްބަރ 2019 ގައެވެ.

ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއާ ގުޅޭގޮތުން އެމްޓީސީސީ އިން ބުނީ އެ މަޝްރޫޢުގެ 55 އިންސައްތަ މަސައްކަތް ނިމި، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 72 އިންސައްތަ ނިންމާފައިވާ ކަމަށެވެ. އަދި ބޭރުތޮށިލުމުގެ މަސައްކަތުގެ 97 އިންސައްތަ ނިންމާ، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ފަންސާސް ފަސްހާ އެއްސަތޭކަ ފަސްދޮޅަސްތިން ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި، 644 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާ، 182 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، 2،320 ސްކުއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2 ޖުލައި 2019 ގައެވެ.