އަފްޣާނިސްތާންގެ އަންހެނަކު ޠާލިބާނުންގެ ބަޔަކަށް ކެއްކި ކާއެއްޗެހި ނުބައި ވުމުގެ ސަބަބުން އެ އަންހެން މީހާ އަންދާލާފައިވާ ކަމަށް އެގައުމުގެ ކުރީގެ ފަނޑިޔާރަކު ވިދާޅުވެއްޖެއެވެ.
އަންހެނުންގެ ހައްގުތަކުގައި އަޑުއުފުއްލަވާ، އެގައުމުގެ ކުރީގެ އަންހެން ފަނޑިޔާރެއް ކަމަށްވާ ނަޖުލާ އައްޔޫބީ "ސްކައި ނިއުސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޠާލިބާނުން މަޖުބޫރު ކޮށްގެން އަންހެނަކު ޠާލިބާނުންނަށް ކައްކައިދިން ކަމަށެވެ. ނަމަވެސް އެ ތަކެތި އެމީހުންނަށް ކަމުނުދިއުމުން އަންހެން މީހާ އަލިފާންގަނޑަކަށް އެއްލައިލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ޠާލިބާނުން އަފްޣާނިސްތާންގެ ބައެއް ސަރަހައްދުތައް ހިފަން ފެށުމުން ނަޖުލާ ވަނީ އެގައުމު ދޫކޮށް އެހެން ގައުމަކަށް ގޮސްފައެވެ. ނަމަވެސް މިހާރު އޭނާ ހުރި ގައުމެއް ހާމަކޮށްފައެއް ނުވެއެވެ. ނަޖުލާ ބުނީ އޭނާ އަފްޣާނިސްތާން ދޫކޮށް ދިޔަ ފަހުންވެސް އަންހެނުންނަށް ޠާލިބާނުން އަނިޔާ ކުރަމުންދާ ކަމުގެ ރިޕޯޓްތައް އޭނާއަށް ލިބިފައިވާ ކަމަށެވެ. ޠާލިބާނުންގެ ހަމަލާއެއް އަމާޒުވެދާނެތީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ވަރަށް ގިނަ އެކްޓިވިސްނުން ވެސް މިހާރު ފިލާފައިވާ ކަމަށް ނަޖުލާ ވަނީ ބުންޏެވެ.
މީގެ ކުރިން ޠާލިބާނުން އަފްޣާނިސްތާންގައި ވެރިކަން ކުރިއިރު އަންހެން ކުދިން ސްކޫލަށް ދިއުން އޮންނަނީ މަނާކޮށްފައެވެ. އަދި އަންހެނުން ވަޒީފާތަކަށް ދިއުން ވެސް އޮންނަނީ މަނާކޮށްފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި އަފްޣާނިސްތާންގެ ވެރިކަން ވައްޓާލުމަށްފަހު ޠާލިބާނުން ވަނީ އަންހެނުންގެ ހައްގުތަށް ކަށަވަރު ކޮށްދޭނެ ކަމަށް ވައުދު ވެފައެވެ. އެގޮތުން އަންހެނުންނަށް ތައުލީމު އުގެނުމާއި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޠާލިބާނުން ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި އަންހެނުން ވަޒީފާތަކަށް ނުކުތުމުގެ ހުއްދަވެސް ވަނީ ދީފައެވެ.
