މަޝްހޫރު ފިލްމީ ތަރި މުހައްމަދު ޖުމައްޔިލް ނިމާލް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުފުލި ދައުވާ ލުއި ދައުވާއަކަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ލުއިކޮށްފައެވެ. މި ބަދަލާއެކު އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އަންނާނެ ޖަލު ހުކުމުގެ މުއްދަތު ވަނީ ބޮޑުތަނުން ކުޑަވެގެން ގޮސްފައެވެ.

ޖުމައްޔިލްގެ ފަރާތުން އަނިޔާ ލިބުނުކަަމަށް ތުހުމަކުކުރާ އޭނާގެ ދެބެންގެ ދެދަރި އަންހެން ކުއްޖާ ވަނީ އިންސާފު ހޯދުމަށް މީޑިއާއަކަށް ވީޑިއޯ އިންޓަވިއުއެއް ދީ، މައްސަލައިގެ ތަފްސީލު ހާމަކޮށްފައެވެ. އެ އިންޓަވިއުއާ ގުޅިގެން އޭރުގެ ޕީޖީ ހުސައިން ޝަމީމް މައްސަލަ ރިވިއުކުރައްވައި، 2021 ވަނަ އަހަރު ޖުމައްޔިލްގެ މައްޗަށް އުފުލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި 2024 ވަނަ އަހަރު ޕީޖީ އޮފީހުން ވަނީ އެ ދައުވާ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުރާ ޖިންސީ ގޯނާ ކުރުމުގެ ދައުވާއަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން މިހާރު މި ކުށް ސާބިތުވި ނަމަވެސް އޭނާއަށް އަންނާނީ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

މި ބަދަލާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މީޑިއާތަކާ ވާހަކަ ދައްކަމުން ބުނީ މިއީ އެ އޮފީހުގެ ދައުވާ ކުރުމުގެ ޕޮލިސީއަށް ގެނައި ބަދަލެއް ކަމަށެވެ. އަދި އަނިޔާ ލިބުނު ކަމަށް ބުނާ ވަގުތު 16 އަހަރުން މަތީގެ ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި ކޮށްފައިވާ ދައުވާތައް ޖިންސީ ކުށުގެ ގާނޫނުގެ ދަށަށް ބަދަލުކުރަން ނިންމީ ކަމަށްވެސް އޭނާ ބުންޏެވެ.

ދައުވާ ކުޑަކުރަން ނިންމި މައިގަނޑު ސަބަބަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާއި ޖިންސީ ކުށުގެ ގާނޫނު ފުށުއަރާ ހާލަތްތަކުގައި، އަނިޔާ ލިބުނު ފަރާތުގެ އުމުރަށް ބަލައި ގާނޫނު މާނަކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ބަދަލު ގެނައުމުން ކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.