ގިނަބަޔަކު ދެކޭ ގޮތުގައި ސްޓްރޯކަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް، މިއަދު ފެންނަމުންދާ ހަގީގަތް މުޅިން ތަފާތެވެ. ސިއްހީ މާހިރުން ހާމަކުރައްވާ ގޮތުގައި، ދުނިޔޭގެ ނިސްބަތުން ބަލާއިރު އުމުރުން 25 އަހަރުން މަތީގެ ކޮންމެ ހަތަރު މީހަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ސްޓްރޯކް ޖެހުމުގެ ނުރައްކާ އޮތް މީހެކެވެ. މިއީ ހަމައެކަނި ބޭރު ދުނިޔޭގެ ވާހަކައެއް ނޫނެވެ. ދިވެހިރާއްޖޭގެ ހާލަތު އޮތީ މި ބިރުވެރި ތަފާސްހިސާބުތަކަށް ވުރެވެސް ކަންބޮޑުވާންޖެހޭ ފަދަ ދަރަޖައެއްގައެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 500 އަށް ވުރެ ގިނަ މީހުން ވަނީ ސްޓްރޯކް ޖެހިގެން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދާފައެވެ. އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަލީ އާފީ ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ސްޓްރޯކް ޖެހޭ މީހުންގެ އަދަދު ކުރީގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު 50 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީ ކުޑަ ނަމަވެސް، އަހަރެއްގެ މައްޗަށް އެޑްމިޓްވާ މީހުންގެ އަދަދު 500 އިން މައްޗަށް ދިއުމަކީ އާދައިގެ ކަމެއް ނޫންކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ.
ބައިނަލްއަގުވާމީ ދިރާސާތަކުން ދައްކާ ގޮތުގައި، ސްޓްރޯކް ޖެހުމަށް މެދުވެރިވާ 90 ޕަސަންޓު ސަބަބުތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ އަދި ރައްކާތެރިވެވިދާނެ ކަންކަމެވެ. އެގޮތުން 32 ގައުމެއްގައި ކުރިއަށްގެންދިޔަ މަޝްހޫރު "އިންޓަސްޓްރޯކް" ދިރާސާއިން ހާމަވެފައިވާ ގޮތުގައި، ސްޓްރޯކް ޖެހުމުގެ އެންމެ ބޮޑު ނުރައްކަލަކީ ކޮންޓްރޯލް ނުކުރެވި ހުންނަ ލޭމައްޗަށް ދިއުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޓްރޯކް ޖެހޭ މީހުންގެ ގާތްގަނޑަކަށް 48 ޕަސަންޓަކީ ލޭމައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުންނެވެ.
އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ސަބް ސްޕެޝަލިސްޓް ޑޮކްޓަރު ސަލްމާން ނިޒާމު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މި ބަލި އާންމުވާ އެންމެ ބޮޑު އެއް ސަބަބަކީ ޕްރެޝަރު ހުންނަ މީހުން ގަވާއިދުން ބޭސް ބޭނުން ނުކުރުމެވެ. ގިނަ މީހުން ދެކޭ ގޮތުގައި ބޮލުގައި ނުރިއްސާ ނަމަ ނުވަތަ އުނދަގުލެއް ނުވާ ނަމަ ބޭސް ކާކަށް ނުޖެހެއެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ވިސްނުމެކެވެ. އެއްވެސް އަލާމާތެއް ނުފެނި ހުރެ ލޭހޮޅިތަކަށް ގެއްލުންވެ، ކުއްލިއަކަށް ސިކުނޑީގެ ނާރެއް ބެދި ނުވަތަ ފަޅައިގެން ދިއުމަށް މެދުވެރިވަނީ މިފަދަ ފަރުވާކުޑަކުރުމުގެ ސަބަބުންނެވެ.
ދެވަނަ ކަމަކަށް ޑޮކްޓަރު ސަލްމާން ފާހަގަކުރެއްވީ ހަކުރު ބައްޔަށް ބޭސް ބޭނުން ނުކުރުމާއި ހަކުރު މަތީގައި ގިނަ ދުވަހު ބެހެއްޓުމެވެ. މީގެ އިތުރުން ލޭގައި ކޮލެސްޓްރޯލް މަތިވުމާއި، ހިތުގެ ރިދަމްގެ މައްސަލަތައް (މިސާލަކަށް އޭޓްރިއަލް ފިބްރިލޭޝަން) ހުރުމަކީވެސް ސިކުނޑިއަށް ލޭ ފޮނުވާ ނާރުތަކުގައި ލޭގަނޑުވުމަށް މަގުފަހިކުރާ ކަންކަމެވެ. ހަމައެއާއެކު، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ލޭހޮޅިތަކުގެ އެތެރޭގެ ދުލިފަށަލަ ހަލާކުކޮށްލާ، ލޭ ގަނޑުވުމުގެ ފުރުސަތު ދެގުނައަށް އިތުރުކޮށްދޭ ނުރައްކާތެރި އާދައެކެވެ.
ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކަކީވެސް ޒުވާނުން ސްޓްރޯކްގެ ޝިކާރައަކަށް ވާ މައިގަނޑު ސަބަބެވެ. ގަޑިން ގަޑިއަށް ނުކެއުމާއި، ޕްރޮސެސްޑް ފުޑް އަދި ލޮނު ގިނަ ކާނާ ބޭނުންކުރުމާއި، ކަސްރަތު ނުކުރުމުގެ ސަބަބުން ހަށިގަނޑުގައި ސަރުބީ ޖަހައި ފަލަވުން އަންނަނީ އިތުރުވަމުންނެވެ. ލޭނާރުތަކުގެ އެތެރޭގައި ސަރުބީގެ ފަށަލަތައް ބެދެމުންދާއިރު، އެއްވެސް ހެލިފެލިވުމެއް ނެތި އެއްތަނެއްގައި ގިނަ ވަގުތު އިނުމަކީ ލޭ ދައުރުވުން ލަސްކޮށްދޭ ކަމެކެވެ. މިއީ ޒުވާން އުމުރުގައި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ސިއްރު ދޮރޯށްޓެވެ.
ދިރިއުޅުމުގެ ސްޓްރެސް އާއި ނިދި މަދުވުމަކީވެސް ހަށިގަނޑުގެ ހޯމޯންތައް ގަޑުބަޑުކޮށް، ލޭގެ ޕްރެޝަރު ކުއްލިއަކަށް މައްޗަށް ދުއްވައިލާ ކަންކަމެވެ. އެނާޖީ ޑްރިންކްތަކާއި ވޭޕް ކުރުން ފަދަ ޒަމާނީ އާދަތަކުގެ ސަބަބުން، ހިތުގެ ވިންދު އަވަސްވެ، ލޭހޮޅިތައް ހަނިވެ، ސިކުނޑިއަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުމުގެ މައްސަލަތައް ޒުވާނުންގެ މެދުގައި ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިއީ ހަމައެކަނި ދުވަސްވީ މީހުންނަށް އޮތް ބިރެއް ކަމަށް ދެކޭ ދެކުން މިހާރުން މިހާރަށް ބަދަލުކުރަން ޖެހެއެވެ.
ސްޓްރޯކަކީ ކޮންމެ ވަގުތަކުވެސް ޖެހިދާނެ ބައްޔަކަށް ވާއިރު، އޭގެ އަލާމާތްތައް ދެނެގަތުމަކީ ކޮންމެ މީހަކަށްމެ ކޮންމެހެން އެނގެންޖެހޭ މައުލޫމާތެކެވެ. މިއަލާމާތްތައް ފަސޭހައިން ދަސްކުރުމަށް ސިއްހީ މާހިރުން ބޭނުންކުރަނީ "ބީ ފާސްޓް" އެވެ. މީގެ މާނައަކީ ހަށިގަނޑުގެ ބެލެންސް ގެއްލުން ، ލޮލުގެ ފެނުމަށް ބަދަލު އައުން ، މޫނުގެ އެއްފަޅި އެލުން ، އަތުގެ ވާގިނެތުން ، ވާހަކަ ދައްކަން އުނދަގޫވުން ، އަދި މިފަދަ އަލާމާތެއް ފެނުމާއެކު ލަސްނުކޮށް ވަގުތުން ފަރުވާ ހޯދުން އެވެ.
ސިކުނޑީގެ ނާރެއް ބެދިއްޖެ ނަމަ، ކޮންމެ މިނެޓަކު އެތައް މިލިއަން ސިކުނޑީގެ ސެލްތަކެއް މަރުވަމުންދެއެވެ. އެހެންކަމުން، ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެ ނަމަ، ސީޓީ ސްކޭން ހެދޭނެ ވަސީލަތްތައް ހުރި ހޮސްޕިޓަލަކަށް ވީހާވެސް އަވަހަކަށް ދިއުން މުހިންމެވެ. ސްޓްރޯކް ޖެހޭތާ ފުރަތަމަ ހަތަރު ގަޑިއިރާއި ބައިގެ ތެރޭގައި އެކަށީގެންވާ ފަރުވާ ދެވިއްޖެ ނަމަ، ލޭގަނޑުވި ނާރު ހުޅުވާލައި، މުޅި އުމުރަށް ވާގިނެތުމުގެ ނުރައްކަލުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވެއެވެ.
ހަގީގަތަކީ، ސްޓްރޯކްގެ ނުރައްކާ އަޅުގަނޑުމެންގެ ވަށައިގެން އޮތް ނަމަވެސް، އެކަމުން ސަލާމަތްވުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ އަމިއްލަ އަތްމަތީގައެވެ. ދުޅަހެޔޮ ކާނާ ކެއުމާއި، ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. އަދި ހާއްސަކޮށް، ޕްރެޝަރާއި ހަކުރު ގަވާއިދުން ޗެކްކޮށް، ޑޮކްޓަރު ދެއްވާ ބޭސްތައް ގަވާއިދުން ބޭނުންކުރުމަކީ އަމިއްލަ ފުރާނައާއި ދިރިއުޅުން މި ނުރައްކާތެރި ބަލިން ރައްކާތެރިކުރުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ.
---
ރިފަރެންސް:
އޯޑޮނަލް، އެމް. ޖޭ.، ޗިން، އެސް. އެލް.، ރަންގަރާޖަން، އެސް.، ޒޭވިއާ، ޑީ.، ލިއު، އެލް.، ޒަންގް، އެޗް.، ރާއޯ، އެމް. އެލް.، ލޮޕޭޒް-ޖަރާމިލޯ، ޕީ.، ޑެމިއާސް، ޕީ.، ސްލީވާ، ކޭ.، ކެމިރޮވް، ޕީ.، ލަނާސް، އެފް.، ކުއާން، އެޗް.، އޮވިސެލް، ޓީ.، އަދި ޔޫސުފް، އެސް. (2016). ގްލޯބަލް އެންޑް ރީޖަނަލް އިފެކްޓްސް އޮފް ޕޮޓެންޝަލީ މޮޑިފައިއެބަލް ރިސްކް ފެކްޓާސް އެސޯސިއޭޓެޑް ވިތް އެކިއުޓް ސްޓްރޯކް އިން 32 ކަންޓްރީސް (އިންޓަސްޓްރޯކް ސްޓަޑީ): އަ ކޭސް-ކޮންޓްރޯލް ސްޓަޑީ. ދަ ލެންސެޓް، 388(10046)، 761-775.
ފެއިގިން، ވީ. އެލް.، ސްޓާކް، ބީ. އޭ.، ޖޯންސަން، ސީ. އޯ.، ރޮތު، ޖީ. އޭ.، ބިސްވަސް، ސީ.، އަބަދީ، އޭ.، އައްބާސް، ޖޭ.، އަދި މަރޭ، ސީ. ޖޭ. (2021). ގްލޯބަލް، ރީޖަނަލް، އެންޑް ނޭޝަނަލް ބާޑަން އޮފް ސްޓްރޯކް އެންޑް އިޓްސް ރިސްކް ފެކްޓާސް، 1990-2019: އަ ސިސްޓަމެޓިކް އެނަލިސިސް ފޯ ދަ ގްލޯބަލް ބާޑަން އޮފް ޑިޒީޒް ސްޓަޑީ 2019. ދަ ލެންސެޓް ނިއުރޮލޮޖީ، 20(10)، 795-820.
