ސައިންސްވެރިންނަށް ގިނަ ދުވަސްތަކެއް ވަންދެން ހައްލު ނުކުރެވި އޮތް ބޮޑު މައްސަލައެއް ކަމަށްވާ، އާންމު ގޮހޮރުގެ ބެކްޓީރިއާއަކާއި ކޮލޮން ކެންސަރާ (ކޮލޮރެކްޓަލް ކެންސަރު) ދެމެދުގައިވާ ގުޅުން ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ސައިންސްވެރިން ހޯދައިފިއެވެ. މިއީ މީގެ ދުވަސްކޮޅެއް ކުރިން ސައިންސުވެރިންގެ މެދުގައި ބޮޑު ސުވާލެއް އުފެދިފައި އޮތް ކަމެކެވެ. މި ހޯދުންތަކުން ދައްކާގޮތުގައި، މި ބެކްޓީރިއާގެ ސަބަބުން ކެންސަރަށް މަގުފަހިވާ ސަބަބުތައް މިހާރު ވަނީ ވަރަށް ސާފުކޮށް އެނގިފައެވެ.
މި ހޯދުމުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ "ބެކްޓޮއިޑެސް ފްރެޖިލިސް" ނަމަކަށް ކިޔާ އާންމު ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާއިން އުފައްދާ ވިހަ މާއްދާއެއްގެ ސަބަބުން ގޮހޮރުގެ އެތެރޭގެ ދިފާއީ ފަށަލައަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. މީގެ އިތުރުން ގޮހޮރުގައި ދިގުލައިގެންދާ އިންފްލެމޭޝަން އުފެދި، ކެންސަރުގެ ޓިއުމަރުތައް އުފެދުމަށް މަގުފަހިވެގެންދެއެވެ.
މި ހޯދުމަކީ ކޮލޮން ކެންސަރު ކުރިއަރައިދިޔުމުގެ މަރުހަލާތައް ދެނެގަތުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އާ ފަރުވާތަކެއް ހޯދުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ބެކްޓީރިއާގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ދެނެގަނެވިއްޖެނަމަ، ބަލި މާކުރިން ދެނެގަނެ ފަރުވާދިނުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ސައިންސްވެރިން މަސައްކަތްކުރަމުންދަނީ މިފަދަ ނުރައްކާތެރި އިންފެކްޝަންތަކާއި އިންފްލެމޭޝަންތައް ހުއްޓުވޭނެ އާ ވައްތަރުގެ ބޭހާއި ތަޙުލީލުތައް އުފެއްދުމަށެވެ. މިއީ މުސްތަގުބަލުގައި ކޮލޮން ކެންސަރުން ސަލާމަތްވުމަށް އަޅާލެވޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
