ކޮވިޑް-19 ދުނިޔެއިން ފެނި އެބަލި ޢާލަމީ ވަބާއަކަށްވެގެން ދިއުމުން، ސައިންސުވެރިން ކުރަންފެށި އެންމެ މުހިންމު އެއް ކަމަކީ ވެކްސިނެއް އުފެއްދުމެވެ. އެގޮތުން ވެކްސިން އުފައްދާ އެކި އެކި ކުންފުނިތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން އުފެއްދުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދިޔައެވެ. އެގޮތުން މިހާރު، އެތައް ވެކްސިނެއް ވަނީ ބާޒާރަށް ނެރެފައެވެ. އެހެނަސް މިއަދު މި ވަނީ މުޅީން އައު ގޮތަކަށް ތައްޔާރުކޮށްފައިވާ ވެކްސިނެއް ބޭނުން ކުރަން ފަށާފައެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ ކޮވިޑާއި ދެކޮޅަށް ތައްޔާރު ކޮށްފައިވާ ޑީއެންއޭ ޝޮޓް، ޒައިޑަސް ކެޑިލާގެ ކޮވިޑް ވެކްސިން ބޭނުން ކުރަން އިންޑިއާގެ ޑްރަގް ރެގިއުލޭޓަރ އެމެޖެންސީއިން މިވަނީ ހުއްދަ ދީފައެވެ.

މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އަދި ދީފައިވަނީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ.

ޒައިޑަސް ކެޑިލާގެ ޒައިކޮވް-ޑީ ނަމުން ނަންދެވިފައިވާ މި ވެކްސިންއަކީ ކޮރޯނާ ވައިރަހުގެ ޖެނެޓިކް މާއްދާތަކުގެ ބައެއް ބޭނުން ކޮށްގެން ޑީއެންއޭ ނުވަތަ އާރްއެންއޭ މެދުވެރިކޮށް އެ މީހެއްގެ ދިފާއީ ނިޒާމު އެ ޕްރޮޓީނަކާއި އެކު މަސައްކަތް ކުރާ ވަކި ޕްރޮޓީނެއް އުފައްދަން ހަށިގަނޑަށް އިރުޝާދު ދޭ ވެކްސިނެކެވެ. ކޮވިޑު-19 ގެ ގިނަ ވެކްސިންތަކުގައި 1 ނުވަތަ 2 ޑޯޒް ޖަހަން ޖެހުނުކަމުގައި ވިޔަސް، މި ޑީއެންއޭ ވެކްސިންގައި 3 ޑޯޒް ޖަހަން ޖެހެއެވެ.

އިންޑިއާގައި މި ވެކްސިން ބޭނުންކުރުމަށް ހުއްދަ ދީފައިވަނީ އެގައުމުގައި މި އަހަރު ނިމުމުގެ ކުރިން އެންމެންނަށް ވެކްސިން ޖެހުމަށް އަމާޒުކޮށް އެކަން ހާސިލް ކުރުމަށް ބުރަ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިވެކްސިންގެ ސަބަބުން ވެކްސިން ޕްރޮގްރާމް އިތުރަށް ވަރުގަދަވެ ހަރުދަނާ ވާނެކަމަށް ކަމުގެ މާހިރުން ދެކިލައްވައެވެ.

އިންޑިޔާގައި ގިނަ ވެކްސިން ތަކެއް ޖަހަމުން ދާއިރު، ޒައިކޮވް-ޑީ އަކީ އިންޑިއާގައި ބޭނުން ކުރަން ހުއްދަ ދޫކޮށްފައިވާ ހަވަނަ ވެކްސިނެވެ.

ޖުލައި މަހު ޒައިޑަސް ކެޑިލާއިން ހާމަ ކޮށްފައިވާ ގޮތުގައި މި ވެކްސިންއަކީ ކޮރޯނާ ވައިރަސްގެ އާ ވައްތަރުތަަކުން ރައްކާތެރި ކޮށްދޭނެ ވެކްސިނެކެވެ. ވަކިން ފާހަގަކޮށް ނުރައްކާތެރި ޑެލްޓާ ވޭރިއެންޓާއި ދެކޮޅަށް މި ވެކްސިން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ. އިންޑިޔާ އަކީ ޑެލްޓާ ވޭރިއަންޓް އެންމެ ވަރުގަދަ އަށް ފެތުރެމުންދާ އެއް ގައުމެވެ.