ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ބަދަލުގައި ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ބަލައިގަންނަ، އަދި ފާޑުކިޔުމުގެ ބަދަލުގައި ހަމްދަރުދީ އިސްކުރާ މުޖުތަމައެއް ބިނާކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކުރިއަށް ގެންދާ ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިންސާނާގެ ކަރާމާތާއި، އިންސާނީ ގުޅުންތަކާއި އަދި މިއަދާއި މާދަމާގެ ކުރިމަގަށްޓަކައި ގެންގުޅޭ އުއްމީދާ ސީދާ ގުޅިފައިވާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން ކޮންމެ ނަފްސާނީ ކަމެއްގެ ފަހަތުގައި ވެސް އެތައް ވާހަކަތަކެއް ފޮރުވިފައިވާ ކަމަށާއި، އެކަންކަން ދެނެގަނެ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މުޅި މުޖުތަމައުގެ ދައުރު އިންތިހާއަށް މުހިންމު ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހުރި ގޮންޖެހުންތައް އެއްގޮތްކަން ފާހަގަކުރައްވަމުން، މިފަދަ ފެޑެރޭޝަނެއްގެ ސަބަބުން ސަރަހައްދުގެ ތަޖުރިބާކާރުން ގުޅިގެން ހައްލުތައް ހޯދުމަށް ފުރުސަތު ފަހިވެގެންދާ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި މި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ މަޝްވަރާތަކާއި ހުށަހެޅޭ ދިރާސާތަކުގެ އަލީގައި، ކުރިއަށް އޮތް ތަނުގައި މި ދާއިރާ އިތުރަށް ހަރުދަނާވެ ތަރައްގީވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަން ބަދަލުކުރަން ޖެހޭ. ނަފްސާނީ ސިއްހަތަށް އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ބަދަލުގައި ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ބަލައިގަންނަ، ފާޑުކިޔުމުގެ ބަދަލުގައި ހަމްދަރުދީއަށް އިސްކަންދޭ، ތަފާތުކުރުމުގެ ބަދަލުގައި އެހީތެރިކަން އިސްކުރާ އަދި އެކަނިމާއެކަނި މި ވޭން ތަހައްމަލުކުރަން ނުޖެހޭ މުޖުތަމައުއެއް އަޅުގަނޑުމެން ބިނާކުރަން ޖެހޭ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
މީގެއިތުރުން ސާޖިދާ ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި ހިދުމަތް ކުރައްވާ ސިއްހީ ހިދުމަތްތެރިންނަށާއި، މި ދާއިރާއިން އިތުރު މީހުން ބިނާކޮށް ދިރާސާތައް ހެދުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދުޅަހެޔޮ، ރަނގަޅު މުސްތަގުބަލެއް ބިނާކުރެވޭނީ ނަފްސާނީ ގޮތުން ދުޅަހެޔޮ ކުދިންތަކެއް ތަރުބިއްޔަތު ކުރެވިގެން ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.
