ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ސަރުކާރުން ދެކޭތީ، އެ މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ. މި ކޮމިޝަން އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.

"އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން" ގެ ނަމުގައި އުފެއްދެވި މި ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ އަހްމަދު ޝާކިރު އެވެ. މި ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވަނީ އަބްދުލްއަޒީޒް ޔޫސުފް، ޑރ. އާމިނަތު ޝާފިޔާ އާދަމް، ޑރ. އަބްދުލްމުހްސިން މުހައްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަޑް) މުހައްމަދު ސާދިގް، އަހްމަދު އަލީމަނިކު އަދި ފާތިމަތު މިންހަތު އިއްޒަތު އެވެ.

މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އިޓްލޮސްގެ ކޭސް ނަންބަރު 28 ގެ މައްސަލަ ހުށަހެޅުމާ ހަމައަށް އަދި މައްސަލަ ކުރިއަށްދިޔަ ގޮތާއި، މައްސަލައަށް ދައުލަތުން ޖަވާބުދާރީވުމުގައި އަދި ގުޅުންހުރި އެންމެހައި ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާ އަދި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރިންނާއި، އިހުތިޔާރާއި ބާރުތައް ލިބިގެންވި ފަރާތްތަކުން އަމަލުކުރި ގޮތް ބަލައި ތަހުގީގުކުރުން ހިމެނެއެވެ.

މީގެ އިތުރުން، އެ މައްސަލައިގައި ދައުލަތުގެ މަސްއޫލުވެރިންގެ އެއްވެސް ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލުވާ ފަރާތްތަކުގެ އިހުމާލުގެ އިންތައް ކަނޑައެޅުމާއި، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި ރައްކާކުރެވިފައިވާ ގޮތް ތަހުގީގުކުރުން ވެސް ހިމެނެއެވެ. ހަމައެއާއެކު، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އަޅަން ފެންނަ ފިޔަވަޅުތައް ކަނޑައެޅުމާއި، ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ކަންކަން ހުށަހެޅުމަކީ ވެސް މި ކޮމިޝަނުގެ މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކުރައްވާފައިވަނީ، މި ކޮމިޝަނަކީ އެ ކޮމިޝަނަށް މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެއް ކަމަށެވެ.