ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފުކުރި "ޔޫތު އެންޓަޕްރީނިއާޝިޕް ފައިނޭންސިން" ފެސިލިޓީގެ ދެވަނަ ފިޔަވަހީގެ ދަށުން ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފެސިލިޓީއަކީ ހުނަރުވެރި ޒުވާނުންގެ ވިޔަފާރީގެ ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ފަސޭހަކަމާ އެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ފުރުސަތެކެވެ.
މި ފެސިލިޓީ ހާއްސަކޮށްފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާން ވިޔަފާރިވެރިންނަށެވެ. މި ފެސިލިޓީގެ ދަށުން އެއްވެސް އިކުއިޓީއެއް ނުވަތަ ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ފައިނޭންސިން ދޫކުރަނީ އަހަރަކު 7 ޕަސަންޓުގެ ފައިދާ ރޭޓެއްގައި، 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު 5 އަހަރުން އަނބުރާ ދައްކާ ހަލާސްކުރާ ގޮތަށެވެ.
މި ފިޔަވަހީގެ ދަށުން ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ކުރިން، އެދޭ ފަރާތްތަކުން އޮންލައިން ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. މި ޕްރޮގްރާމަކީ ވިޔަފާރީގެ މާލީ ރެކޯޑުތައް ބެލެހެއްޓުމަށާއި މާލީ އެހީތެރިކަމާ އެކު ވިޔަފާރި ކުރިއަށް ގެންދިއުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަން ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ބީއެމްއެލް ސްވައިޕް އެޕް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ފިޔަވައްސަށް ކަނޑައެޅިފައިވާ ފައިސާ ހުސްވަންދެން ފުރުސަތު ހުޅުވިފައި ހުންނާނެއެވެ.
ޔޫތު އެންޓަޕްރީނިއާޝިޕް ފައިނޭންސިންއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އަލަށް ތައާރަފުކުރި މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް އުންމީދުކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ޒުވާނުންނަކީ މިފަދަ ފައިނޭންސިން ފުރުސަތުތަކަށް ނުހަނު ބޭނުންޖެހިފައިވާ ބައެއްކަން ފާހަގަކުރެވުނު ކަމަށާއި، މި ފައިނޭންސިން މެދުވެރިކޮށް ޒުވާނުން ބޭނުންވާ ވިޔަފާރިތައް ފެށުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.
މި ދެވަނަ ފިޔަވަހި ފަށާފައިވަނީ މީގެ ކުރިން ކުރިއަށްގެންދިޔަ ކާމިޔާބު ފުރަތަމަ ފިޔަވަހީގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އެ ފިޔަވަހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ވަނީ ފޯރުކޮށްދީފައެވެ.
