ހަމަހިމޭން ފަތިހެއްގެ ފިނިރޯޅިތަކާއެކު، ގިނަ ބަޔަކު އަރާމު ނިދީގައި ތިބޭ ވަގުތަކީ ހަވްލާ ރިޒާގެ ދުވަސް ފެށޭ ވަގުތެވެ. ދުވާލުގެ ބުރަ ވަޒީފާއާއި ދިރިއުޅުމުގެ އެކި މަސްއޫލިއްޔަތުތަކުގެ ތެރެއިން އޭނާ ހޯދި ހަމައެކަނި ހިމޭން ފުރުސަތަކީ އެއީއެވެ. އެއްވެސް އަޑުބަޑެއް ނެތް އެ ވަގުތުގައި، އަތުގައި އޮތް ފޯނުގެ "ނޯޓްސް" އެޕް ހުޅުވާލައިގެން އިނދެ، އިނގިލިތަކުގެ ކުރިން އޭނާ ބޭރުކުރަމުން ދިޔައީ ހިތުގެ އެންމެ ފުންމިނުގައި ފޮރުވިފައިވި އިހުސާސްތަކެވެ. އެއީ ދެ އަހަރު ދުވަހުގެ ބުރަ އަދި އެހާމެ ކެތްތެރި މަސައްކަތެކެވެ. އެ މަސައްކަތުގެ ނިމުން އައިސް ބީހުނީ، ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް ސްޓޭޖުން މޮޅު ޅެންވެރިއެއްގެ ލަގަބު އޭނާގެ ކަރުގައި އެޅުވި ހިސާބުންނެވެ.

މި ދިގު ދަތުރުގެ އަސްލު ފެށިގެން އައީ އުފާވެރި މާހައުލަކުންނެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް އެފުށް މިފުށަށް ޖަހައިލީ 2021 ވަނަ އަހަރު އޭނާގެ ލޯބިވާ ބައްޕަ މި ދުނިޔެއާ ވަކިވެދިޔަ ހިތާމަވެރި ހާދިސާއިންނެވެ. ބައްޕަގެ ވަކިވުމާއެކު އާއިލާއަށާއި މުޅި ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކުން އަރައިގަތުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ހިތާމަތަކާއި ހިތްދަތިކަން ވަށާލި އެ ދަނޑިވަޅުގައި، އަމިއްލަ ނަފުސަށް ދިރުމެއް ދިނުމަށް ހަވްލާ ހިޔާރުކުރި ހަމައެކަނި މަގަކީ ލިޔުންތެރިކަމެވެ. އޭނާ ގަބޫލުކުރި ގޮތުގައި ޅެންވެރިކަމަކީ ހިތުގައި އަޅާ ވޭނަށް އޮތް އެންމެ ފުރިހަމަ ފަރުވާއެވެ.

ކުޑައިރުއްސުރެ ވެސް އަމިއްލަ އިހުސާސްތައް ފޮތެއްގައި ލިޔެ ރައްކާކުރުމަކީ ހަވްލާގެ ކަށީގައި ހިފާފައިވާ ވަރަށް ހާއްސަ އާދައެކެވެ. ކޮންމެ އުފަލެއް ވިޔަސް އަދި ދެރައެއް ދިމާވިޔަސް، އެކަމެއް ކަރުދާހުގައި ތިލަކޮށްލުމުން ހިތަށް ލިބޭ ލުއިފަސޭހަކަން އޭނާ އަބަދުވެސް ދަނެއެވެ. ބައްޕަގެ ވަކިވުމަށްފަހު، އެ އާދަ ބަދަލުވެގެން ދިޔައީ ފުން ޅެންތަކަކަށެވެ. ފުރަތަމަ ކޮޅު އިންސްޓަގްރާމްގައި ހިއްސާކުރަން ފެށި މި ޅެންތަކަށް، އެތައް ބައެއްގެ ފަރާތުން ލިބެން ފެށީ ހީނުކުރާ ފަދަ ބޮޑު ތަރުހީބެކެވެ. ހާއްސަކޮށް ހިތާމައިގެ ތެރޭގައި ތިބި މީހުންނަށް އެ ލަފުޒުތަކުން އާ ހިތްވަރެއް ލިބިގެން ދިޔަކަން އެނގުމުން، ހަވްލާގެ ހިތުގައި އާ އުއްމީދެއް އުފެދުނެވެ.

އިންސްޓަގްރާމުން ފެށިގެން ބައިނަލްއަގުވާމީ މަޖައްލާތަކާ ހަމައަށް އޭނާގެ ޅެންތައް ދަތުރުކުރިއެވެ. ދުނިޔޭގެ މަގުބޫލު އަދަބީ ޕްލެޓްފޯމުތަކުގައި އޭނާގެ މަސައްކަތްތައް ޝާއިއުވާން ފެށުމުން، މިއީ ހަމައެކަނި ޒާތީ ޑައިރީއެއް ނޫންކަމާއި، މިއީ ފޮތެއްގެ ސިފައިގައި ނެރެވިދާނެ އަގުހުރި އުފެއްދުމެއްކަމުގެ ޔަގީންކަން ލިބުނެވެ. މިގޮތުން "ހީލް އިން ޕެރެޑައިޒް" ގެ މަސައްކަތް ފެށިގެން ދިޔައެވެ. މިއީ ދިވެހިރާއްޖޭގެ އަދަބީ ތާރީހުގައި ވެސް މުޅިން އާ ކޮންސެޕްޓެކެވެ. އެއީ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށާއި، އަދި ހަމައެހެންމެ ދިވެހިންނަށް ވެސް ހާއްސަކޮށްގެން ތައްޔާރުކުރެވުނު ރާއްޖޭގެ ފުރަތަމަ "ޕޮއެޓްރީ ސުވެނިއާ" ނުވަތަ ޅެންވެރި ހަނދާނީ ހަދިޔާއެވެ.

ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ލެކްޗަރަރއެއްގެ ގޮތުގައި ފުލްޓައިމްކޮށް މަސައްކަތް ކުރަމުން މިފަދަ ފޮތެއް ނެރުމަކީ ބޮޑު ގުރުބާނީއެކެވެ. ފަތިހުގެ ނިދި ދޫކޮށްލުމާއި، ދުވާލުގެ ހުސްވަގުތުކޮޅުތައް ބޭނުންކޮށްގެން ކުރި ދެ އަހަރުގެ ބުރަ މަސައްކަތް 2025 ވަނަ އަހަރު ކާމިޔާބުވީ ހަރުދަނާ ޑިސިޕްލިންއެއް ގެންގުޅުމުންނެވެ. ހަވްލާ މި ފޮތް ބަހާލާފައިވަނީ އިންސާނާގެ ނަފުސާނީ ދަތުރު ރަމްޒުކޮށްދޭ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ލޯތްބާއި، ތަހައްމަލުކުރަންޖެހޭ ވޭނާއި، އަދި އެކަންކަމުން ފަސޭހަވެ ލިބޭ ޝިފާއެވެ.


މި ފޮތުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަކޮށްފައިވަނީ ހަމައެކަނި ފެންނަ މަންޒަރެއްގެ ގޮތުގައެއް ނޫނެވެ. ދޮންވެލިގަނޑާއި، ފުން މޫދާއި، ހިމޭން ފަޅުތަކާއި، ރުއްގަހުގެ ފަންތައް ބޭނުންކޮށްފައިވަނީ އިންސާނާގެ އެންމެ ފުން އިހުސާސްތައް ކިޔައިދޭ މިސާލުތަކެއްގެ ގޮތުގައެވެ. ހަމައެއާއެކު، ރާއްޖެއަކީ މިއަދު ފެންނަ ހިތްގައިމު ސުވަރުގެއަކަށް ވެގެން އައީ ކާބަފައިންނާއި ޝަހީދުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީތަކުންކަން ފޮތުގެ ޅެންތަކުން ވަރަށް ފުރިހަމައަށް ހަނދާންކޮށްދެއެވެ. މަސްވެރިކަމާއި، ރާބަނދި ކަހަލަ ސަގާފީ ދިރިއުޅުމާއި، ދިވެހި އަންހެނުންގެ ހިތްވަރުގަދަކަން މި ފޮތުން ދުނިޔެއަށް ތައާރަފުކޮށްދިނެވެ.

އަމިއްލަ ޖީބުން ހަރަދުކޮށް، އަމިއްލައަށް ހުރިހާ ކަމެއް ބަލަހައްޓައިގެން ފޮތް ޗާޕުކޮށްގެން ނުކުތް ހަވްލާއަށް ކިޔުންތެރިންގެ ފަރާތުން ލިބުނީ އާދަޔާހިލާފު ލޯތްބެކެވެ. މިއަދު އޭނާގެ ވެބްސައިޓުން ފޮތް ގަންނަ ގިނަ މީހުން އެދެނީ ރީތިކޮށް ހަދިޔާއެއްގެ ގޮތުގައި ބަންދުކޮށްދިނުމަށެވެ. ކައިވެނީގެ އަހަރީ ދުވަހަށާއި، އުފަންދުވަހަށާއި، އަދި ލޯބިވެރިޔާއަށް ދޭ އެންމެ އަގުބޮޑު އިހުސާސެއްގެ ގޮތުގައި މިއަދު ގިނަ ބަޔަކު ހިޔާރުކުރާ ހަދިޔާއަކީ މި ޅެން ފޮތެވެ. އަމިއްލަ އިހުސާސްތައް ދުލުން ބުނެދޭން ނޭނގޭ މީހުންނަށް، އެ ވާހަކަތައް ބުނެދޭ އެންމެ ގާތް އެކުވެރިޔާއަކަށް މި ފޮތް ވެގެންދިޔައެވެ.

ހަވްލާ ދެކޭގޮތުގައި ޅެންވެރިކަމަކީ ހަމައެކަނި ރީތި ބަސްތަކެއް ނޫނެވެ. އެއީ ނަފުސާނީ ދުޅަހެޔޮކަމަށް އޮތް އެންމެ ބާރުގަދަ ވަސީލަތެވެ. އަމިއްލަ ނަފުސު ދިފާއުކުރަން ބޭނުންކުރާ ހަތިޔާރެކެވެ. އަދި ހިތާމަތަކުން ފިލަން ވަންނަ ހިމާޔަތުގެ ފާރެކެވެ. ހިތުގައި އަޅާ ވޭނާއި ކަންބޮޑުވުންތައް ބޭރުނުކޮށް ހިފަހައްޓައިގެން ހުރުމަކީ، ހިތުގައި ބޮޑެތި ގޮށްތަކެއް ޖެހި ބާރުވުން ފަދަ ކަމެކެވެ. އެކަންކަން ގަލަމުން ލިޔެލުމުން ނުވަތަ ބަޔަކާ ހިއްސާކޮށްލުމުން، އެ ގޮށްތައް މޮހި، ސިކުނޑިއަށް ބަޔާންކުރަން ދަތި ފަސޭހަކަމެއް ލިބިގެންދެއެވެ.

އަމިއްލަ ފަރުދެއްގެ ގޮތުގައި، ފެށި މި މަސައްކަތަށް ސަރުކާރުގެ އެންމެ މަތީ ފަންތިން ލިބުނު ބަލައިގަތުމަކީ އޭނާ ހުވަފެނުގައި ވެސް ދުށް ދުވަހެއް ނޫނެވެ. އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބޭއްވި މޯލްޑިވްސް އެކްސްޕޯ 2026 ގެ ޅެންވެރިކަމުގެ އުފެއްދުންތަކުގެ ބައިން އެއްވަނަ އެވޯޑު ކާމިޔާބުކުރީ ހަވްލާގެ މި ފޮތެވެ. ބާސެލޯސް ނަސަންދުރާގައި ބޭއްވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ހާޒިރުގައި މި ޝަރަފުވެރި އެވޯޑު އޭނާއާ ހަވާލުކޮށްދެއްވީ ދައުލަތުގެ ބަންޑާރަނައިބެވެ.

މި އެވޯޑަކީ ހަމައެކަނި ހަވްލާއަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. މިއީ ދިވެހި އަދަބިއްޔާތުގައި އާ ޒަމާނަކަށް ދޮރު ހުޅުވިގެންދިޔަ ތާރީހީ މުހިންމު ކަމެކެވެ. ޒަމާނުއްސުރެ ރައިވަރާއި ޅެންވެރިކަމަށް ހާއްސަވެފައި އޮތް ގައުމީ ސްޓޭޖެއްގައި، ޒަމާނީ އިނގިރޭސި ބަހުން ލިޔެފައިވާ އުފެއްދުމަކަށް އެއްވަނަ ލިބުމަކީ، ދިވެހި ޒުވާނުން އިނގިރޭސި ބަހުން ފާޅުކުރާ އިހުސާސްތަކަށް ދައުލަތުން ދިން ބޮޑު ޖާގައެކެވެ. އަމިއްލައަށް މަސައްކަތްކޮށްގެން ފޮތް ނެރޭ ލިޔުންތެރިންނަށް ވެސް މިއީ ލިބުނު ބޮޑު އުއްމީދެކެވެ.

ހަވްލާގެ އުއްމީދުތައް އަދިވެސް ހުރީ މާ ކުރީގައެވެ. އޭނާ ބޭނުންވަނީ ދިވެހިންގެ އިހުސާސްތަކާއި ރާއްޖޭގެ ސަގާފަތް، ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަންނަ އަޑަކަށް ހެދުމަށެވެ. ފަތިހުގެ ފަނޑު އަލިކަމުގައި ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ލިޔުނު އެ ކުދިކުދި ލަފުޒުތަކަކީ، މިއަދު މުޅި ގައުމު ފަހުރުވެރިވާ ފަދަ އަގުހުރި ޖަވާހިރަކަށް ވެއްޖެއެވެ. އެއީ ނިމުމެއް ނެތް ހިތާމަތަކުން އަރައިގަނެ، އަމިއްލަ ހުވަފެންތަކުގައި ކުލަޖެއްސި ހިތްވަރުގަދަ ކަނބަލެއްގެ ހަގީގީ މިސާލެވެ.