ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު އެއް އިންވެސްޓަރު ކަމަށްވާ ވޮރެން ބަފެޓް ވޭތުވެދިޔަ 48 އަހަރު ދުވަހުގެ ތެރޭގައި އެންމެ ފަހަރަކުވެސް ފެން ބޮއެފައި ނުވާ ކަމަށް ބުނެ ހާމަކުރި ވާހަކައަކުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ. މިކަން ހާމަކުރީ މަޝްހޫރު ހެޖް ފަންޑް މެނޭޖަރު ބިލް އެކްމަން ބައިވެރިވި ޕޮޑްކާސްޓެއްގައެވެ. އޭނާ ކިޔައިދިން ގޮތުގައި މީގެ އަހަރުތަކެއް ކުރިން ބަފެޓާ އެކު ބޭއްވި ރޭގަނޑުގެ ކެއުމެއްގެ ތެރޭގައި ފެން ބޯން އެދުމުން، ފެނުގެ ބަދަލުގައި ޗެރީ ކޯކެއް ގެނެސްދިނުމަށް ބަފެޓް ވަނީ އެދިފައެވެ.

މި ވާހަކަ ބަފެޓް ހިއްސާކުރީ މަޖަލަކަށް ކަމެއް ނުވަތަ ސީރިއަސްކޮށް ކަމެއް ސާފުނުވި ނަމަވެސް، އޭނާއަކީ އާދައިގެ ފެނަށް ނަފުރަތުކުރާ އަދި ކޯކަށް ދެވިހިފާފައިވާ މީހެއްކަން ވަނީ ރަނގަޅަށް ސާބިތުވެފައެވެ. ބަފެޓްގެ މި އާދަޔާ ހިލާފު ދިރިއުޅުމުގެ ވައްޓަފާޅިއަކީ އޭނާގެ އާއިލާއަށް ވެސް އާ ކަމެއް ނޫނެވެ. އޭނާގެ އަންހެން ދަރިފުޅު ސޫޒީ ބަފެޓް ވެސް ވަނީ މީގެ ކުރިން ނެރުނު ޑޮކިއުމެންޓްރީތަކުގައި އޭނާގެ ބައްޕަ އެއްވެސް އިރެއްގައި ފެން ބޮނިކޮށް ދުވަހަކުވެސް ނުދެކޭ ކަމަށް ބުނެ މިކަން ކަށަވަރުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން ދުވަސްވީ މި ބިލިއަނަރު ދުވާލެއްގެ މައްޗަށް ކޮކާކޯލާގެ ފަސް ދަޅު ބޮއެވެ. ބަފެޓް މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ ހަތަރުބައިކުޅަ އެއްބަޔަކީ ކޮކާކޯލާއެވެ. ސަބަބަކީ އޭނާ ދުވާލަކު ބޭނުންކުރާ 2,700 ކެލޮރީގެ ގާތްގަނޑަކަށް 25 ޕަސަންޓު ހިއްސާކުރަނީ މި ބުއިމުން ކަމަށް ވާތީއެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު އާދަޔާ ހިލާފު އަދި ނުރައްކާތެރި މިންވަރެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ.

ބިލް އެކްމަން ކިޔައިދިން ގޮތުގައި އެ ރޭގަނޑުގެ ކެއުމުގައި އޭނާ ބަފެޓަށް ފެން ނުވަތަ ސްޕާކްލިންގ ވޯޓާ ހުށަހެޅުމުން ބަފެޓް ދިނީ ވަރަށް ހައިރާންކުރަނިވި ޖަވާބެކެވެ. "ބިލް، އަހަރެން ފެން ނުބޯތާ މިހާރު 48 އަހަރު ވެއްޖެ،" މިއީ އެ ވަގުތު ބަފެޓް ބުނި ވާހަކައެވެ. ފެނުގެ ބަދަލުގައި އޭނާ އަބަދުވެސް އިސްކަންދެނީ ފޮނި ބުއިންތަކަށެވެ.

ބަފެޓަކީ ގާތްގަނޑަކަށް 50 އަހަރު ވަންދެން ޕެޕްސީ ބޮމުން އައި މީހެކެވެ. ނަމަވެސް 1986 ވަނަ އަހަރު ކޮކާކޯލާ ކުންފުނީގެ އޭރުގެ އިސް ވެރިއަކު އޭނާއަށް އަލަށް ތައާރަފުކުރި ޗެރީ ކޯކްގެ ރަހަ ދެއްކުމާ ގުޅިގެން، އޭނާ ވަނީ ޕެޕްސީ ދޫކޮށް ކޯކަށް ބަދަލުވެފައެވެ. އަދި އެ ދުވަހުން ފެށިގެން އޭނާގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ ބާކްޝަޔާ ހެތަވޭގެ އަހަރީ ބައްދަލުވުންތަކުގެ ރަސްމީ ބުއިމެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވަނީ ޗެރީ ކޯކެވެ.