އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިރޭ 21:59 ހާއިރު ކަމަށެވެ.


ޝާހިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ. އޭނާ ހައްޔަރުކުރުމަށް ފުލުހުން އޭނާ ދިރިއުޅުއްވާ ގެއަށް ވަންކަން މީޑިއާތަކުން ރިޕޯޓުކުރުމާއެކު، އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި "އެކްސް" ގައި ޕޯސްޓެއް ކުރައްވާފައެވެ.


އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ، އޭނާގެ އަގުވައްޓާލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.


ފުލުހުން ޝާހިދު ހައްޔަރުކޮށްފައިވަނީ އޭނާ އެ ޕޯސްޓު ކުރެއްވިތާ ގާތްގަނޑަކަށް 30 ވަރަކަށް މިނެޓު ފަހުންނެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާއަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ވެސް ނިންމަވާފައިވާ ބޭފުޅެކެވެ.


ޝާހިދަކީ ހާރިޖީ ސިޔާސަތާއި، ގާނޫނު ހަދާ މަޖިލީހުގެ ހިންގުމާއި، އަދި އިންޓަނޭޝަނަލް ލީޑާޝިޕްގެ ދާއިރާއިން 40 އަށްވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.