ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައަކާ ގުޅިގެން ބައެއް ހެކިތައް ބަލައިގަތުމާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާއި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ނެންގެވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކުރަމުންދާއިރު، އޭގެ ތެރެއިން އާރަށް މައްސަލާގައި ބައެއް ހެކިތައް ބަލައިގަތުމަށް އެ ކޯޓުން ވަނީ ނިންމާފަ އެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ނިންމުމާ ގުޅިގެން އެ ނިންމުން މުރާޖައާ ކުރުމަށް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ. މި ނިންމުމާ އެކު، ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ މަރުހަލާތަކަށް އިސްތިއުނާފީ މަރުހަލާއިން މި ވަގުތު އެއްވެސް ހުރަހެއް ކުރިމަތިނުވާނެ އެވެ.

މި މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ނިންމިއިރު، ފުއްގިރީގެ މައްސަލާގައި ކްރިމިނަލް ކޯޓުން މިހާރު އޮތީ ހުކުމް އިއްވުމުގެ އެންމެ ފަހު މަރުހަލާގަ އެވެ. އެ މައްސަލައިގެ ހުކުމް މިދިޔަ ހަފުތާގައި އިއްވަން ތާވަލު ކުރުމަށްފަހު، ކޯޓުން ވަނީ އެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.

ވ. އާރަށް މައްސަލާގައި މީގެކުރިން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ފަހުން ވަނީ ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށްޓަކައި އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.