ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނެއް ނުދައްކައިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި އޭނާގެ އާއިލާގެ ހިއްސާ އޮންނަ ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން އަނެއްކާވެސް އެ ބޭންކަށް ހުއްދަ ދީފިއެވެ.
މި މައްސަލައިގައި ވިއްކާލުމުގެ ހުއްދަ ދީފައިވަނީ ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓް ހިމެނޭ ފަރެސް އާއި ކުޑަފަރެސްގެ އިތުރުން، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބޮޑުހުރާއެވެ. ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މި ރަށްރަށުގެ ހެޑް ލީޒްގެ މުއްދަތު ހަމަވަނީ 2064 ވަނަ އަހަރުގައެވެ.
ހެވީލޯޑް ކުންފުންޏަށް ދޫކުރި 11 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ) ގެ ލޯނު ނުދައްކައިގެން މީގެ ކުރިންވެސް އެ ރަށްތައް ވިއްކާލަން ސިވިލް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް އެ ނިންމުން ހައި ކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ. ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަލުން މި އަމުރު ނެރުނީ، ރަށްތައް ވިއްކާލުމަށާއި ބީއެމްއެލްއިން އެދުނު އަގުތަކަށް ހެވީލޯޑް ކުންފުނިންވެސް އެއްބަސްވުމާ ގުޅިގެންނެވެ.
ކޯޓުގެ އަމުރުގައިވާ ގޮތުން ތިން މަސްދުވަހުގެ ތެރޭގައި އެ ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންވެއެވެ. އަދި ފުރަތަމަ މަހު ރަށްތައް ވިއްކުމަށް ފަށާ އަގަކީ 46 މިލިއަން ޑޮލަރެވެ. އެ މުއްދަތުގައި ނުވިކިއްޖެނަމަ ދެވަނަ މަހު 40 މިލިއަން ޑޮލަރަށް އަދި ތިންވަނަ މަހު ފަށާ އަގަކީ 38 މިލިއަން ޑޮލަރު ކަމަށްވެސް ކޯޓު އަމުރުގައި ކަނޑައަޅާފައިވެއެވެ.
ހެވީލޯޑް މޯލްޑިވްސްއަކީ ރީކޯ މޫސާ މަނިކާއި އޭނާގެ ތިން ދަރިންގެ މައިގަނޑު ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ލޯނުގެ މައްސަލައިގައި ރަށްތައް ވިއްކާލުމުގެ ހުއްދަ އަލުން ލިބިފައިވާއިރު، މީގެ ކުރިން މި މައްސަލައިގެ ޝަރީއަތްތައް ސިވިލް ކޯޓާއި ހައި ކޯޓުގައި ދިގުލައިގެން ގޮސްފައިވެއެވެ.
