މިއަދު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު، އިސްތިއުމާރުގެ ސިފަތައް ވަނީ މުޅިން ބަދަލުވެފައެވެ. ކުރީޒަމާނުގައި ގައުމުތައް އަޅުވެތިކުރުމަށް ބޭނުންކުރީ ބޮޑެތި ލަޝްރަރުތަކާއި، އަސްކަރީ ބާރެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ، ގައުމުތައް އަޅުވެތިކޮށް އިސްތިއުމާރު ކުރަނީކީ ބަޑިޖަހާ ބޮން އަޅައިގެނެއް ނޫނެވެ.

މިއަދުގެ އިސްތިއުމާރު ކުރިއަށްދަނީ މާ ބޮޑަށް ވެސް ސްމާޓުކޮށެވެ. އެއީ ފެންނަން ނެތް، ނަމަވެސް ބުއްދިއަށް ފޯރާ ފަދަ ނުފޫޒުގަދަ ވަސީލަތްތަކެއް މެދުވެރިކޮށެވެ. މި ޒަމާނީ ހަނގުރާމައިގައި ހަތިޔާރަކަށްވެފައި ވަނީ މާ ރީތި "ލޭންގުއޭޖެއް" ނުވަތަ ބަހުރުވައެކެވެ. ޑިމޮކްރަސީ، މިނިވަންކަން އަދި ތަރައްގީގެ ނަމުގައި އަންނަ މިފަދަ ވިސްނުންތަކުން މީހުންގެ ސިކުނޑިތައް ފަތަހަކުރެއެވެ.

މިކަމުގެ އެންމެ ވަރުގަދަ އާލާތަކަށް ވެފައިވަނީ ތައުލީމީ ނިޒާމުތަކެވެ. މާ މޮޅު "ކަރިކިއުލަމް" ތަކެއްގެ ނަމުގައި ސްކޫލުތަކާއި ކޮލެޖުތަކަށް ފާވަމުންދަނީ އެހެން ބައެއްގެ ސަގާފީ އަދި ފިކުރީ ވިސްނުންތަކެވެ. ޒުވާންޖީލުތަކަށް އުނގަންނައިދެނީ އަމިއްލަ ގައުމިއްޔަތާއި ދީނަށްވުރެ ބޭރުގެ މިންގަނޑުތަކެވެ. އެބައިމީހުންގެ ފަލްސަފާތަކާ އެބައިމީހުންގެ ފިކުރުތަކެވެ. އެމީހުންގެ ފިލޯސަފީތަކާ އެމީހުންގެ އިޝްރިރާޖުތަކެވެ.

އިސްތިއުމާރުގެ އަމާޒަކީ ހަމައެކަނި ބިމެއް ނުވަތަ ސަރަހައްދެއް ހިފުމެއް ނޫނެވެ. އެއަށްވުރެ މާ ނުރައްކާތެރިކޮށް، އެ ބިމުގައި އުޅޭ އިންސީންގެ ވިސްނުމާއި ފިކުރު ކޮންޓްރޯލް ކުރުމެވެ. އަމިއްލަ މިނިވަން ވިސްނުމެއް ނެތް ބަޔަކަށް ޖީލުތައް ހެދުމަކީ މި ފިކުރީ އިސްތިއުމާރުގެ މައިގަނޑު މަގުސަދެވެ.

މިކަމުގެ ސަބަބުން ބަދަލުވެގެންދަނީ އިންސާނާ ހިޔާލުކުރާ ގޮތެވެ. އަމިއްލަ ސަގާފީ އަދި ދީނީ ހަމަތަކުން ކަންކަމާ މެދު ވިސްނުމުގެ ބަދަލުގައި، މީހުންނަށް ވިސްނެނީ ބޭރުން ގެނެސްދެވޭ ފިކުރު ތަކަކުންނެވެ. ނަތީޖާއެއްގެ ގޮތުން، ރަނގަޅާއި ނުބައި ވަކިކުރުމުގެ މިންގަނޑުތައް އޮޅިގެންދެއެވެ. އިސްލާމީ ދިވެހިވަންތަ މުޖުތަމައެއްގައި ގަބޫލުކުރެވޭ ހަމަތައް ގަޑުބަޑުވެގެން ދެއެވެ.

އަދި ހަމައެއާއެކު، މިއަދުގެ ޒުވާނުންނާއި މުޖުތަމައުތަކުގެ ތަސައްވުރުތައް ވަނީ ބަދަލުކޮށްލާފައެވެ. ކާމިޔާބީއާއި އުފާވެރިކަމުގެ މާނަ ކަމަށް ގަބޫލުކުރެވެނީ ބޭރުގެ މުޖުތަމައުތަކުން ދައްކުވައިދޭ ލައިފްސްޓައިލްތަކެވެ. މިކަމުގެ ސަބަބުން އަމިއްލަ ގައުމުގެ އަސްލުވަންތަކަމާ މެދު ބީރައްޓެހިކަމެއް އުފެދެއެވެ.

މިފަދަ ފިކުރީ އަޅުވެތިކަމެއްގައި ޖެހިފައިވާއިރު އެންމެ ނުރައްކާތެރި ކަމަކީ، އަޅުވެތިވެފައިވާކަން އަމިއްލައަށް ނުއެނގުމެވެ. އެ އިހުސާސް ނުކުރެވުމެވެ. ޖިސްމާނީ ގޮތުން މިނިވަންވެ ތިބެ، ފިކުރީ ގޮތުން އެހެން ބައެއްގެ އަޅުންނަށް ވެފައިވާކަން ނުވިސްނި، އެކަމަށް އުފަލާއެކު މަރުހަބާ ކިޔާ މަންޒަރު މިއަދު ފެންނަމުންދެއެވެ.

މި ނުރައްކާތެރި މަޅިން ސަލާމަތްވުމަށްޓަކައި، ކޮންމެ ފަރުދަކުވެސް ހޭލުންތެރިވާންޖެހެއެވެ. ލިބެމުންދާ މައުލޫމާތާއި، ފެންނަ ވީޑިއޯތަކާއި، ކިޔާ ފޮތްތަކާއި ކަރިކިއުލަމްތަކަކީ ކޮން މަގުސަދެއްގައި ތައްޔާރުކޮށްފައިވާ އެއްޗެއްކަން ދެނެގަތުމުގެ ވިސްނުން އަލުން އާލާކުރަންޖެހެއެވެ.

ހިމޭން ކަމާއެކު ކުރިއަށްދާ މި ފިކުރީ ހަނގުރާމައިގައި ދިވެހިންވެސް ސަމާލުވާންޖެހެއެވެ. އަމިއްލަވަންތަކަމާއި، ދީނާއި، ސަގާފަތް ދިފާއުކުރުމަށްޓަކައި ބުއްދިއާއި ފިކުރުގެ މިނިވަންކަން ހިމާޔަތްކުރުމަކީ މިއަދު ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.