ސަރުކާރުގެ ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލުތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ހޮސްޕިޓަލުތައް އެއް ގަވާނިން ބޯޑެއްގެ ދަށަށް ގެންނަވައި، "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) ގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ. އަދި މި ބޯޑުގެ ޗެއާމަނަކަށް ޑރ. އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، މި ބަދަލާއެކު މިހާތަނަށް ހިނގަމުން އައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި އިތުރު ފަސް ހޮސްޕިޓަލެއްގެ ގަވާނިން ބޯޑުތައް ރައީސް ވަނީ އުވާލައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވާނިން ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގުމުގެ އިންތިޒާމު ހަމަޖެއްސެވުމަށެވެ. އެމްޓީއެޗްޖީގެ ގަވާނިން ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ސީދާ ޖަވާބުދާރީވާ އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެކެވެ. މީގެއިތުރުން، މި ބޯޑާއި ބޯޑުން ބަލަހައްޓާ ތަންތަނުގެ ކަންކަން ވިލަރެސްކުރާނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސް އިން ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

މި އާ ބޯޑުގެ ބެލުމުގެ ދަށުން ރާއްޖޭގެ މައި 12 ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލެއްގެ ހިންގުން ބަލަހައްޓަމުން ގެންދާނެ އެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، މޯލްޑިވިއަން ބްލަޑް ސާވިސަސް އަދި އެތަނުގެ ދަށުން ހިނގާ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު ހިމެނެ އެވެ. އަދި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ތެރެއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ގަން ރީޖަނަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލް ވެސް ހިންގާނީ މި ބޯޑުގެ ދަށުންނެވެ.

މި ބަދަލު ގެންނެވި ސަބަބު ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކޮށް އަދި ހަރަދުތައް ކުޑަ އުސޫލަކުން ކަންކަން ކުރުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި މި ބަދަލާއެކު ސިއްހީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުންދާ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޖުމްލަ 18 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ބޯޑުގެ ވައިސް ޗެއާޕާސަނަކަށް އައްޔަންކުރައްވާފައިވަނީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސައިން ހަލީމް އެވެ. ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިންގެ އިތުރުން ހެލްތް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ މަންދޫބުންނާއި ޕަބްލިކް ހެލްތާއި ޕްރައިމަރީ ހެލްތުކެއާ އަދި ނާސިން ދާއިރާގެ ތަޖުރިބާކާރުންނެވެ.