ދިވެހިރާއްޖެ މިނިވަންކަންމަތީ ދެމިއޮތުމަށްޓަކައި ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދާއި ދެއްކެވި ހިތްވަރުން މިއަދު ވެސް ފިލާވަޅުތަކާއި އިބުރަތް ލިބިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ފަހުރުވެރި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަހުރުވެރި ދިވެހި ސިފައިންނަށާއި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ނަސްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގައި ދިވެހި އަސްކަރިއްޔާއިން ވެފައިވާ މަތިވެރި ގުރުބާނީއަކީ އަބަދުވެސް ހަނދާންކުރަންޖެހޭ އަގުހުރި ފިލާވަޅެކެވެ.
މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއަދު ހެނދުނު ނޮވެމްބަރު 3 ގެ ހަނދާނީ ބިނާގައި ބޭއްވި ދިދަ ނެގުމާއި ގާޑު މައުންޓް ކުރުމުގެ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. ނަސްރުގެ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފެށިގެން ދިޔައީ އިސްލާމީ މަރުކަޒުގައި ބޭއްވި ބޮޑު ޖަމާއަތުގެ ފަތިސް ނަމާދުންނެވެ.
ނަސްރުގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިންނާއި ރައްޔިތުން ގުޅިގެން ހޯދި ނަސްރު ފާހަގަކުރާ ދުވަހެވެ. މި ހަމަލާއަކީ ދިވެހިންގެ މަދު ބަޔަކު އަޑީގައި ތިބެގެން ބޭރުގެ ކުލީ ސިފައިން ގޮވައިގެން ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ދިން ނުރައްކާތެރި ހަމަލާއެކެވެ.
އެ ދުވަހުގެ ނުރައްކާތެރި ހަމަލާގައި ޤައުމުގެ ދިފާއުގައި ހަނގުރާމަކުރަމުން ދަނިކޮށް ދިވެހި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހަކު ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. ދިވެހި ސިފައިންގެ ހިތްވަރާއި ފަންވަރުން މި އުދުވާން ނާކާމިޔާބުކޮށްލި ހަނދާންތައް ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރުގައި އަންނަނީ އާކުރަމުންނެވެ.
