އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އުމުރުން 64 އަހަރުގެ ޝާހިދު ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރަން ފުލުހުން ދިޔަ ހަބަރު މީޑިއާތަކުގައި ދައުރުވާން ފެށުމާއެކު، އޭނާ ވަނީ "އެކްސް" ގައި ޕޯސްޓެއް ކުރައްވައި އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ، އޭނާގެ އަގުވައްޓާލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަތައް ނުފެތުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. ނަމަވެސް، އެ ޕޯސްޓު ކުރެއްވިތާ ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ޝާހިދަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާއަކީ ހާރިޖީ ދާއިރާއާއި، ގާނޫނު ހަދާ މަޖިލީހުގެ އިތުރުން އިންޓަނޭޝަނަލް ލީޑާޝިޕްގައި 40 އަށްވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ބޮޑު ތުހުމަތެއްގައި އޭނާ 30 ދުވަހަށް ބަންދުކޮށްފައިވާއިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
