އަފްޣާނިސްތާނުގެ އަންހެނަކު އެގައުމުން ފުރި އެމެރިކާގެ މަތިންދާ ބޯޓެއްގެ ތެރެއަށް ކުއްޖަކު ވިހައިފިއެވެ.
އަފްޣާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓުން ފުރި އެމެރިކާ ސިފައިންގެ ބޯޓުގެ ތެރެއަށް އަފްޣާނިސްތާން އަންހެނަކު ވިހާފައި ވަނީ އަންހެން ކުއްޖެކެވެ. މި ކުއްޖާ ވިހާފައިވާކަން ކަށަވަރުކޮށްދީފައިވަނީ އެމެރިކާގެ އެއާ މޮބިލިޓީ ކޮމާންޑުންނެވެ.
މި އަންހެން މީހާ ވިހެއުމުން އެމެރިކާގެ އަސްކަރިއްޔާގެ އެ ބޯޓު ވަނީ ޖަރުމަންވިލާތުގެ ރެމްސްޓެން ވައިގެ ބަނދަރަށް ޖައްސާފައެވެ. އަދި ބޯޓު އެއާޕޯޓުގައި ޖެއްސުމުން އެއާޕޯޓުގައި ތިބި ސިފައިން ވަނީ އެއަންހެން މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމެރިކާއާއި އެހެނިހެން ބޭރުގެ ޤައުމުތަކުން ދަނީ އަފްޣާނިސްތާނުގައި ތިބި ރެފިއުޖީންނާއި އެކި ޤައުމުތަކުގެ ރައްޔިތުން އެޤައުމުން ބޭރުކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.
ތާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާނު ދިއުމާއި އެކު އެގައުމުގެ ގިނަ ބަޔަކު ދަނީ އެގައުމުން ފޭބުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެގައުމުގެ ވެރިރަށް ކާބުލްގެ ވަައިގެ ބަނދަރަށް މީގެ ކުރިންވެސް އެތައް ބަޔަކު ވަނީ ޖަމާވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.
