ވޭޕް ކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސް އަޑު ހަލާކުވެފައިވާ ކަމަށާއި އެ އާދަ މިހާރު ދޫކޮށްލާފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޯމޭޒް ބުނެފިއެވެ. ސެލީނާ މިކަން ހާމަކުރީ އޭނާގެ އަޑަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެމުން އިންސްޓަގްރާމް މެދުވެރިކޮށެވެ.
އުމުރުން 34 އަހަރުގެ ސެލީނާ ބުނީ ނިކޮޓިން އެކުލެވޭ ވޭޕް އޭނާ ވަރަށް ގިނައިން ބޭނުންކުރި ކަމަށާއި، އޭގެ ސަބަބުން އަޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މިހާރު އަޑު ބަދަލު ނުކުރެވޭނެ ކަމަށާއި، މީހުން އޭނާގެ އަޑު އަހަން ބޭނުން ނުވާނަމަ އަޑު ނޭހުމަށް ވެސް އޭނާ ވަނީ އެދިފައެވެ.
ނިކޮޓިންއަކީ ދޫކޮށްލަން ވަރަށް އުނދަގޫ އެއްޗެއްކަން ފާހަގަކުރަމުން ސެލީނާ ވަނީ ވޭޕް ކުރުމަކީ މޮޔަ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާގެ ސަޕޯޓަރުންނާއި އާންމުން ވޭޕް ކުރުމާ ދުރުހެލިވުމަށް ނަސޭހަތްތެރިވަމުން، މި އާދަ ހުއްޓާލުމަކީ ކުރަން އެންމެ ރަނގަޅު ކަންތައް ކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ އަޑު ބަދަލުކުރެވޭކަށް ދެން ނެތް. އަހަރެން ވަރަށް ގިނައިން ނިކޮޓިން ވޭޕް ކުރިން. ނިކޮޓިން ދޫކޮށްލުމަކީ ވަރަށް އުނދަގޫ ކަމެއް. މިއީ ވަރަށް މޮޔަ ކަމެއް އަދި މިކަމުގެ ސަބަބުން އަހަރެންގެ އަޑު ބަދަލުވެއްޖެ. އެހެންވީމަ އަހަރެންގެ އަޑު އަހަން ކަމުނުދަންޏާ، އަޑު ނޭހިޔަސް އަހަރެންގެ މައްސަލައެއް ނެތް،" ސެލީނާ ބުންޏެވެ.
ސެލީނާ އިތުރަށް ބުނީ މިހާރު އެ އާދަ އެއްކޮށް ހުއްޓާލާފައިވާ ކަމަށާއި، އަދި އަނބުރާ އެކަމުގެ ތެރެއަށް ނުގޮސް ހިފަހައްޓައިލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ލޫޕަސް ބައްޔާ ދެކޮޅަށް ވެސް ހަނގުރާމަކުރަމުންދާ ސެލީނާގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މި މައްސަލައަށް ވަނީ ހުއްޓިފައެވެ.
