އިނގިރޭސިވިލާތުގެ ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ފެއާގައި، "ވިޒިޓް މޯލްޑިވްސް އިޔާ 2027" ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފި އެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރެވެ.
މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ވިޒިޓް މޯލްޑިވްސް އިޔާ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް" ގެ ނަމުގަ އެވެ. މިއީ 2027 ވަނަ އަހަރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ތަޖުރިބާތައް ހާސިލުކުރުމަށް ބާރުއެޅުމުގެ ގޮތުން ފެށި ހާއްސަ ހަރަކާތެކެވެ.
މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއީ ދިވެހިންގެ އަމިއްލަވަންތަކަމާއި މުއްސަނދި ސަގާފަތާއި މެހެމާންދާރީގެ އިތުރުން ރާއްޖޭގައި ކުރެވޭ ތަފާތު ތަޖުރިބާތައް ދުނިޔެއަށް ހާމަކޮށްދިނުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މި ކެމްޕެއިނުގެ ސަބަބުން ވިޔަފާރިތަކަށާއި މުޖުތަމައުތަކަށް އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މައިގަނޑު އަމާޒަކީ މި ކެމްޕެއިނާ އެކު މުޅި ދުނިޔޭގައި ރާއްޖެއަށް އޮތް މަގުބޫލުކަމާއި ޝައުގުވެރިކަން އިތުރުކުރުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ޓޫރިޒަމްގެ މާކެޓުގައި ރާއްޖެ ހޯދާފައިވާ މަގާމު އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރަކީ ދާއިރާއަށް ކާމިޔާބު އަހަރަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ޑަބްލިއުޓީއެމް އަކީ ޔޫރަޕްގެ އިތުރުން ދުނިޔޭގައި ވެސް ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑެތި ފެއާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މި ފަހަރުގެ ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ 62 ކުންފުންޏަކުން ޖުމްލަ 136 ފަރާތެކެވެ.
