ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ހާންގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ބިރުވެރި ހާދިސާއާ ގުޅިގެން ފެތުރުނު ގިނަ އަޑުތަކުގެ ހަގީގަތް އޭނާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާން ހާމަކޮށްފިއެވެ. ކަރަން ޖޯހަރުގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި ވާހަކަދައްކަމުން ކަރީނާ ވަނީ، ސައިފަށް ހަމަލާދިން ރޭ ހިނގައިދިޔަ ކަންތައްތަކާއި އޭގެ ސަބަބުން ކުރިމަތިވި ނަފްސާނީ ބިރުވެރިކަން މީޑިއާއާ ހިއްސާކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. މުމްބާއީގައި ހުންނަ ސައިފާއި ކަރީނާގެ ގޭގެ ތެރެއަށް ވަދެގަތް މީހަކު ވަނީ ސައިފްގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ. ސައިފަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ބޮޑެތި އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ.
ކަރީނާ ކިޔައިދިން ގޮތުގައި، އެ ހާދިސާ ހިނގި ވަގުތު މުޅި މާހައުލަށް ވެރިވެގެންދިޔައީ ފިލްމީ މަންޒަރެއް ފަދަ ބޮޑު ސިހުމެކެވެ. ސައިފްގެ ގައިން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަ ވަގުތު، އޭނާ އަވަހަށް ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެއްވެސް ވިސްނުމެއް ނެތި ރޭގަނޑު ލާ ހެދުމުގައި މަގުމައްޗަށް ނުކުމެ އުޅަނދެއް ހޯދުމަށް ދުވަން ޖެހުނު ކަމަށް ކަރީނާ ބުންޏެވެ. އަދި އެ ހާދިސާގެ ބިރުވެރިކަން މުޅި ދިރިއުޅުމަށް އަސަރުކުރި ކަމަށް ވެސް އޭނާ ހާމަކުރިއެވެ.
މިކަމާ ގުޅޭގޮތުން ކަރީނާ ބުނީ، "އަހަރެން ހުރީ ނިދަންލާ ޓީޝާޓުގައި މަގުމައްޗަށް ނުކުމެ، ހުއްޓާށޭ ކިޔައި ހަޅޭއްލަވަމުން ދުވެލި ދުވެލީގަ. އެއީ ހަމަ ފިލްމެއްގެ މަންޒަރެއް ފަދަ ކަމެއް." އަދި އެ ހާދިސާގެ ސަބަބުން ލިބުނު ސިހުމުގެ ސަބަބުން ވިދިގެން އައި ހަ މަސްދުވަހު ހަމަނިދި ނުލިބި ބޮޑު ބިރުވެރިކަމެއްގައި އުޅެން ޖެހުނު ކަމަށް އޭނާ އިތުރަށް ބުންޏެވެ.
މި އެޕިސޯޑުގައި ސައިފް ވެސް ބައިވެރިވެ ވާހަކަދައްކަމުން ބުނީ، އެއީ އޭނާގެ މުޅި ހަޔާތުގައި ވެސް ތަޖުރިބާކުރަން ޖެހުނު އެންމެ ބިރުވެރި އަދި އެންމެ ހިތްދަތި ރޭ ކަމަށެވެ. އެ ވަގުތަކީ ދަރިންގެ ކުރިމަތީގައި ހިނގައިދިޔަ ކަމަކަށް ވުމުން ހާލަތު އިތުރަށް ނުތަނަވަސްވި ނަމަވެސް، އާއިލާއާއި ގާތް ރަހުމަތްތެރިންގެ އެހީތެރިކަމާއެކު އެ ދަތި ދަނޑިވަޅުން އަރައިގަނެވުނު ކަމަށް ސައިފް ފާހަގަކުރިއެވެ.
