އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑުން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ރަށުން ބޭރުގައި އާސެނަލް އަތުން 2-0 އިން މޮޅުވިއިރު، ޓޮޓެންހަމުން ވަނީ ވުލްވްސް 1-0 އިން ބަލިކޮށްފައެވެ. ސައުތެމްޓަންގެ ދަނޑުގައި ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު ލަންޑަން ޑާބީގައި ޗެލްސީ އަށް ލީޑްނަގައިދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފުލްބެކް ރީސް ޖޭމްސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައަކުން ލުކާކޫ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ޗެލްސީގެ ދެވަނަ ލަނޑުޖަހައިދިނީ ޖޭމްސް އެވެ. މިއީ އެ ޓީމުގެ އުއްމީދީ މިޑްފީލްޑަރު މޭސަން މައުންޓް ތަނަވަސްކުރި ފުރުޞަތަކުން ޖޭމްސް ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގައި އާސެނަލްގެ ޑިފެންޑަރު ރޮބް ހޯލްޑިން އަށް ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދޭން ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕަބްލޯ މަރީ ބޮލުން ޖައްސާލި ޕާހަކުން ޕެނަލްޓިއޭރިޔާތެރެއިން ހޯލްޑިން ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަ ކިރިޔާ އެވެ. އޭގެފަހުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ މަތަކުރިއެވެ.

ޗެލްސީގެ ފަރަގު ބޮޑުކޮށްދޭން ލުކާކޫ އަށް ލިބުނު ފުރުޞަތުގައި މައުންޓް ނަގައިދިން ހުރަހަކުން އޭނާ ބޮލުން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ މަތަކުރުމުން ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ލުކާކޫ އަށް ލިބުމުގެ ކުރީން އާސެނަލްގެ ޑިފެންޑަރު ހޯލްޑިން ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.
ސައުތެމްޓަންގެ ސެއިންޓް މޭރީސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެ ޓީމުން ކާމިޔާބުކުރި މި ގޯލަކީ ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެކުރީން، ޔުނައިޓެޑަށް ލީޑްނަގައިދޭން ބްރޫނޯ ފެނާންޑޭސްގެ ހިލޭޖެހުމަކުން އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ ފޮނުވާލި ބޯޅަ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އިނގިރޭސި ފުލްބެކް ލޫކް ޝޯގެ ހުރަހަކުން ޕައުލް ޕޮގްބާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ޔުނައިޓެޑުން އެއްވަރުކުރި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ. މިއީ ޕޮގްބާ އާއި ފެނާންޑޭސް ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން ގްރީންވުޑް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ޔުނައިޓެޑް މޮޅުކޮށްދޭން ގްރީންވުޑްގެ އިތުރުން ފެނާންޑޭސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ސައުތެމްޓަންގެ ފޯވާޑް އެޑަމް އާމްސްޓްރޯންގް ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނުމާ ގާތަށް ޖެހިލާފައެވެ. މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް ޗެ އެޑަމްސް ދިން ބޯޅައަކުން އާމްސްޓްރޯންގް ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ.
ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ޓޮޓެންހަމްގެ މިހާރުގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ ވަނީ އޭނާގެ ކުރީގެ ކްލަބު ކަމަށްވާ ވުލްވްސްގެ ދަނޑުގައި އެ ޓީމު 1-0 އިން ބަލިކޮށްފައެވެ. މި މެޗުގައި ޓޮޓެންހަމުން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑެލޭ އަލީ އެވެ.
