ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "ރާއްޖެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026" މިއަދު ހަވީރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި އެވެ. މި އެކްސްޕޯ ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެކްސްޕޯ ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގައި ގާއިމުކޮށްފައިވާ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން އާންމުންނަށް ދެމުންދާ ހިދުމަތްތަކާއި މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން މި މައުރަޒުގައި ބައިވެރިވެ އެވެ. އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މުހިންމު މައުލޫމާތުތައްވެސް މި އެކްސްޕޯގެ ތެރެއިން އާންމުންނަށް ލިބިގެންދާނެ އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ސިއްހީ ދާއިރާގެ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން ފުޅާކުރުމަކީ މި އެކްސްޕޯ ބޭއްވުމުގެ މައިގަނޑު މަގުސަދެވެ. މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މައުރަޒު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނީ މި ހިނގާ މަހުގެ 5 އިން 7 ގެ ނިޔަލަށެވެ.