މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް މޮނީޓާކޮށް، ރިޕޯޓް ކުރެވޭނެ ޒަމާނީ ހާއްސަ ސިސްޓަމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފުތިތާހުކޮށްފި އެވެ. މި ސިސްޓަމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، މި ސިސްޓަމަކީ މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުގެ ހިދުމަތްތައް ޒަމާނީކޮށް، އެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ތައާރަފުކުރި ނިޒާމެކެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމާ ގުޅޭ އެންމެހައި މުއާމަލާތްތައް ފަސޭހަކަމާ އެކު ރިކޯޑުކުރުމާއި ކަމާ ގުޅޭ ރިޕޯޓުތައް އެކުލަވާލުމުގައި ވެސް މި ނިޒާމުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރި އެވެ.
މި އާ ނިޒާމާ ގުޅޭގޮތުން އެމްއެމްއޭއިން މީޑިއާތަކަށް ހިއްސާކުރި ލިޔުމުގައި ބުނީ، މި ސިސްޓަމްގެ ސަބަބުން އިދާރީ މަސައްކަތްތައް އޮޓޮމޭޓް ކުރެވިގެންދާނެ ކަމަށެވެ. އަދި އެ އޮތޯރިޓީ އާއި ލައިސަންސް އޮންނަ ވިޔަފާރިތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް ކުރިއަށް ވުރެ އަވަސްވެ، ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި، މި ބަދަލުގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި މުޅި މާލީ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާވެގެން ދިއުމަށް ވެސް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން އިތުރަށް ހާމަކުރި ގޮތުގައި، އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކުން ވެސް އެ ފަރާތްތަކުގެ މުއާމަލާތްތައް ރިކޯޑުކޮށް ރިޕޯޓުކުރުމަށް މަޖުބޫރުވާނީ އަލަށް ތައާރަފުކުރި މި ސިސްޓަމް ބޭނުންކުރުމަށެވެ.
