ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރި ޑޮލަރުގެ އަދަދު ކުރީގެ ސަރުކާރާ އަޅައިބަލާއިރު 80 ޕަސަންޓު އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުވުމަށް ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.
މަޖިލިސް ތަޅުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ސަރުކާރުން އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބީއެމްއެލްއިން 15.42 ގެ ރޭޓުގައި ޑޮލަރު ދޫކުރި އަދަދަށް ވުރެ، މި ސަރުކާރުގައި ދޫކުރި ޑޮލަރުގެ އަދަދު 80 ޕަސަންޓު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތުން މިހާތަނަށް 90.07 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.39 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އަސާސީ މުދަލުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިރާނު-އެމެރިކާ ހަނގުރާމައާ ގުޅިގެން ރައީސް އުފެއްދެވި ކްރައިސިސް ކޮމިޓީގެ މަސައްކަތުން، "ﷲ ގެ ވާގިފުޅާއެކު" ރާއްޖެ ތެލަށާއި، ގޭހަށާއި، ކާޑަށް ނުޖެހި ސަލާމަތްވި ކަމަށެވެ. އަދި ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ދުވާލަކު އެއް ފަހަރު 164 އައިޓަމެއްގެ އަގުތައް ބަލަމުންދާ ކަމަށާއި، ކެބިނެޓުން ނިންމައިގެން އަސާސީ މުދަލުގެ ލިސްޓު 26 އިން 80 އަށް އިތުރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ބަނދަރުގެ ހިދުމަތްތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އަމާޒަކީ ނޮވެމްބަރު 2027 ގައި ތިލަފުށި އިންޓަނޭޝަނަލް ޕޯޓު ފުލް އޮޕަރޭޝަނަށް ގެނައުން ކަމަށެވެ. މިގޮތުން ދޯނިން އުފުލާ މުދާ ތިލަފުށިން ކްލިއަރ ކުރަން ފަށާފައިވާ ކަމަށާއި، ޑިސެމްބަރު 2026 ގައި މުދާ ކްލިއަރ ކުރުން އެއްކޮށް ތިލަފުށްޓަށް ބަދަލުވުމުން މާލެ އަދި ހުޅުމާލެ ކީވޯލްގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ވިޔަފާރި މަރުކަޒުތަކާއި މިނިސްޓްރީގެ މަސައްކަތްތަކުގެ ދެފުށްފެންނަ މިންވަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 ބިޒްނަސް ސެންޓަރުން ހިދުމަތް ދެމުންދާ ކަމަށާއި އެއްވެސް ސެންޓަރެއް ބަންދުނުކުރާ ކަމަށެވެ. އަދި ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 192 އާރުޓީއައި އަކަށް ޖަވާބުދީފައިވާނެ ކަމަށާއި، މަޖިލީހުން އެދުނު ކޮންމެ ފަހަރަކު ޖަވާބުދާރީވަމުން ގެންދަވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
