ޖަރުމަން ބުންޑެސްލީގާގައި ރޭ އަމިއްލަ ދަނޑުގައި 3-2 އިން ކޮލޯން ބަލިކޮށް ބަޔާން މިއުނިކުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ލީގުގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރަށުން ބޭރުގައި ބޮރޫޝިއާ މުންޗެންގްލަޑްބަކްއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު، ރޭގެ މެޗުން ވެސް ބަޔާނަށް ތިން ޕޮއިންޓް ކަށަވަރުކުރެވުނީ އުނދަގުލުންނެވެ.

އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. އެ ޓީމުން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ ނަގައިދިން ހުރަހަކުން ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުގައި އޭނާ ޖެހި 19 ވަނަ ލަނޑެވެ. ބަޔާނުން ލީޑްނެގިތާ 8 މިނެޓުފަހުން، އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ޖަރުމަނުގެ ހަލުވި ވިންގާ ސާޖް ނެބްރީ އެވެ.

އޭގެފަހުން، ދެ މިނެޓުގެ ތެރޭގައި ވައްދާލި ދެލަނޑާއެކު ކޮލޯން އިން ވަނީ އެއްވަރުކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެންތަނީ މޮޑެސްޓޭ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައިވަނިކޮށް، އޭގެ ދެ މިނެޓުފަހުން މާކް އުތު ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. އެކަމަކު، މެޗު ނިމެން 19 މިނެޓަށްވެފައިވަނިކޮށް ނެބްރީ ވަނީ ބަޔާނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައިވެއެވެ. މިއީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ނެބްރީ ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި މި ހަފްތާގައި ކުޅުނު މެޗުތަކަށްފަހު ސައްތައިގެ ރެކޯޑަކާ އެކު އޮތީ ވުލްފްސްބާގް އެކަންޏެވެ. ބަޔާންގެ އިތުރުން ހޮފެންހައިމް އަދި ބަޔާ ލެވަކޫސަން އަށް މިހާތަނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ބަޔާނާ އެންމެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑުން އެންމެ ފަހުން ރަށުން ބޭރުގައި ފްރެއިބާގާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވިއިރު، އާރްބީ ލީޕްޒިގުން ވަނީ އަމިއްލަ ދަނޑުގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވީއެފްބީ ސްޓުޓްގާޓް އަތުން މޮޅުވެފައެވެ.