ދުޅަހެޔޮ ސިއްހަތަކީ މާތް ﷲ އިންސާނާއާ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތަކަށް ވާއިރު، އެ އަމާނާތަށް ފަރުވާތެރިވެ ރައްކާތެރިވުމަކީ ކޮންމެ މުސްލިމެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ "ސިއްހަތަށް ފަރުވާތެރިވުން" މި މައުޟޫއުގެ މައްޗަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، އެއްވެސް އިހުތިޔާރަކާ ނުލައި ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި ހިނގަމުންދާ އިރު، އެ ކަމުގެ އަގު ވަޒަންކުރެވެނީ އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުންނެވެ. އެހެންކަމުން މާތް ﷲ ދެއްވި މި ނިއުމަތަށް އަބަދުމެ ޝުކުރުވެރިވެ، އެކަލާނގެއަށް ކިޔަމަންތެރިވުމުގައި ދެމިތިބުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، އިންސާނާގެ ނަފުސަކީ މާތް ﷲ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއްކަން ފާހަގަކޮށް، އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިނުލުމަށާއި، ގަސްދުގައި ހަށިގަނޑަށް ގެއްލުންދީ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ބަޔާންކުރިއެވެ. އަދި މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫން ކަމަށާއި، އުމުރުން ދުވަސްވެ ބާރުދެރަވާނޭ ދުވަހެއް އަންނާނެކަން ހަނދާންކޮށް، ސިއްހަތު ރައްކާތެރިކުރުމަށް އިސްކަންދިނުމަށް ނަސޭހަތްތެރިވިއެވެ.
ހުތުބާގައި އިތުރަށް ބުނީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި ބަލިތަކުން ދުރުވެހުރުން ނޫން ކަމަށެވެ. ނަމަވެސް އެއީ މާތް ﷲ އަށް ކުއްތަންވުމަށާއި، ނަމާދު ގާއިމުކުރުމަށާއި، ހަލާލު ރިޒުގު ހޯދުމުގެ އިތުރުން މައިންބަފައިންނަށް އޯގާތެރިވެ ހެޔޮ އަމަލުތައް ކުރުމަށް ލިބިފައިވާ ފުރުސަތެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. އަދި ހަށިގަނޑަށް ބާރު ލިބިގަތުމަށްޓަކައި ހަލާލު ރަނގަޅު ކާބޯތަކެތި ބޭނުންކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
ކީރިތި ރަސޫލާ ﷺ ގެ ހަދީސްފުޅަކާ ހަވާލާދީ ހުތުބާ ނިންމާލަމުން ބުނީ، ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިއުމަތަކީ "ސިއްހަތާއި ހުސްވަގުތު" ކަމަށެވެ. އަދި ގިޔާމަތް ދުވަހުން މި ނިއުމަތްތަކާ މެދު ސުވާލުވެވޭނެކަން ދަނެ، ލިބިފައިވާ ފުރިހަމަ ސިއްހަތާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރާއްޖޭގެ އެންމެހައި މުސްލިމުންނަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
