އައިކެއާ ހޮސްޕިޓަލުން އައިރިސް އާ ގުޅިގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލޮލުގެ ރެޓީނާ ސްކްރީން ކުރާ ހިދުމަތެއް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯގައި ތައާރަފްކޮށްފި އެވެ.
މި ސްކްރީނިންގެ ތެރެއިން ހާއްސަ ކެމެރާއެއް ބޭނުންކޮށްގެން ލޮލުގެ ފަހަތުގައިވާ ފަންތީގެ ފޮޓޯ ނެގުމަށްފަހު، އައިރިސްގެ 'ސެލީނާ +' އޭއައި ސިސްޓަމް މެދުވެރިކޮށް ފޮޓޯތައް ތަހުލީލުކުރާނެ އެވެ. މީގެ އެހީގައި ހަކުރުބަލީގެ ސަބަބުން ލޮލަށް ދިމާވާ މައްސަލަތަކާއި، ގްލޮކޯމާ އަދި އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތައް ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެ އެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދޫން ނާސިރު އާއި އައިކެއާގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު އެވެ. މި ހިދުމަތާއެކު އައިކެއާގެ ސްކްރީނިން ހިދުމަތްތަކަށް އޭއައި ތައާރަފްވެ، ލޮލުގެ ބަލިތަކުގެ އަލާމާތްތައް ކުރިއާލާ ދެނެގަނެ ފަރުވާ ދިނުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.
އައިކެއާއިން ބުނީ އޭއައި ޓެކްނޮލޮޖީއާއި ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ އެކުލެވޭ މި ހިދުމަތުގެ ސަބަބުން، ލޮލުގެ ފަރުވާއާ މެދު އަވަސް އަދި ސައްހަ ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ މަގުސަދަކީ ލޯ ސްކްރީން ކުރުމުގެ ހިދުމަތް ވީހާވެސް ފަސޭހަކޮށްދީ، ލޮލުގެ ފެނުން ރައްކާތެރިކުރުމަށް ގިނަ ބަޔަކު ހޭލުންތެރިކުރުވުން ކަމަށް ވެސް އެ ތަނުން ބުންޏެވެ.
މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯގެ އައިކެއާ ސްޓޯލުން މި ހިދުމަތް ލިބެން ހުންނައިރު، މި ހިދުމަތް މާލޭގެ އޯކިޑްމަގުގައި ހުންނަ އައިކެއާ ހޮސްޕިޓަލުގައި ފަށަން ވަނީ ހަމަޖެހިފަ އެވެ. އެކްސްޕޯ ކުރިއަށް ދާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.
