ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށާއި އަންނަ އަންގާރަ ދުވަހުން ފެށިގެން ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ލަފާކޮށްފި އެވެ. މި ވިއްސާރައިގައި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް، މުޅި ރާއްޖެއަށް ވިއްސާރައިގެ އަސަރު ފޯރާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިއްޔެއިން ފެށިގެން ދެކުނާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރަމުން އަންނައިރު، މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން މާދަމާ ހެނދުނުން ފެށިގެން މާލެ ސަރަހައްދަށް ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޯކޮށް ވާރޭވެހޭނެ އެވެ.
މެޓް އޮފީހުން ބުނީ ވަޔާއި ކަނޑުތައް އާންމު ގޮތެއްގައި މަޑުވި ނަމަވެސް، ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން ވައި އިތުރަށް ބާރުވެ، ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާން ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
