ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ޒަމާނީ ޓެކްނޮލޮޖީގެ ފްލައިޓް ޑެމޮންސްޓްރޭޝަނެއް ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެ އެވެ. އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި ހާއްސަ ހަރަކާތުގައި، އުދުއްސައި އަދި ޖައްސާ ޒަމާނީ "ވީޓީއޯއެލް" އުޅަނދެއް ވައިގެ ތެރޭގައި އުދުހޭ މަންޒަރު އާންމުންނަށް ފެނިގެންދާނެ އެވެ.

މި ޑެމޮންސްޓްރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ ކެނަލް ސަރަހައްދުގައި، ދިރާގު ޓަވަރު ކައިރީގަ އެވެ. ހޮނިހިރު ދުވަހު ހެނދުނު 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ޒަމާނީ އެއާ މޮބިލިޓީ ޓެކްނޮލޮޖީގެ އުޅަނދެއް ރާއްޖޭގެ ވައިގެ ސަރަހައްދުގައި ފުރަތަމަ ފަހަރަށް ޓެސްޓު ދަތުރެއްގެ ގޮތުގައި އުދުއްސައިލާނެ އެވެ.

މި ހަރަކާތުގައި ޑެމޮންސްޓްރޭޓް ކުރާ ޒަމާނީ އުޅަނދަކީ ކަރަންޓުން ދުއްވާ، މަގުމަތީގެ ޓްރެފިކަށް ބަރޯސާނުވެ އެއްތަނުން އަނެއްތަނަށް ކުރު މުއްދަތެއްގައި ވައިގެ މަގުން ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.

މިފަދަ ޓެކްނޮލޮޖީތައް ރާއްޖެއަށް ތައާރަފު ކުރުމަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ތިމާވެއްޓާ ރައްޓެހި އާ އުކުޅުތައް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ތެރެއިން ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެކެވެ.