ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތު، އެ ރަށު ގެއެއްގެ ތެރޭގައި ފެންގަނޑު ތެރޭގައި ކުޑަ ވެލައެއް ފަތާފައި ދިޔަ މަންޒަރު ފެންނަ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބި ވައިރަލްވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މުޅި ރަށަށް ކުރި ވިއްސާރައިގައި ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، އާންމުންގެ ގެތަކަށް ފެންވަދެ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ރަށަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފަ އެވެ. ފެންބޮޑުވި ބައެއް ގޭގޭގެ ތެރޭގައި އެއް ފޫޓަށް ވުރެ އުސްމިނަށް ފެން ހެދިފައިވާ އިރު، ވައިރަލްވި ވީޑިއޯއިން ފެންނަނީ ގޭގެ ކޮޓަރިއެއް ކައިރިން ކުޑަ ވެލާ ފަތާފައިދާ މަންޒަރެވެ.

މި ހާދިސާއާ ގުޅިގެން ރައްޔިތުންނަށާއި އެކި މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ސިއްހީ މަރުކަޒުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމުގެ އިތުރުން، އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ދަނީ އެހީތެރިވަމުން ކަމަށް ފުލުހުން ބުންޏެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށެވެ. އަދި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މޮނީޓާ ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރި އެވެ.

މީގެ އިތުރުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޓީމެއް ވަނީ ކޮލަމާފުއްޓަށް ގޮސް ހަރަކާތްތެރިވާން ފަށައިފަ އެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމަށާއި ރައްޔިތުންގެ މުދާތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ.