ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ށ. ޅައިމަގަށް ބާރުގަދަ ނަގޫރޯޅިއެއް އަރައި ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މި ހާދިސާގައި ޅައިމަގުގެ ހަތަރެއް ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ބާރު ވަޔާއެކު ފުރާޅުތައް އެއްލައިލުމުގެ ސަބަބުން، ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އެ މީހާއަށް ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ރަށު ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން، ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެއިތުރުން، ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކަމާގުޅޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ރާއްޖޭގެ މަތީގައި އަދިވެސް ބޯ ވިލާތައް އެބައޮތެވެ.

ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައިގައި ރޭ ދެކުނުގެ ބައެއް ރަށްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ގއ. ކޮލަމާފުށްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބައެއް ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ ގެއްލުންތައް ވެފައިވާ އިރު، އެ ރަށުން ކަރަންޓުގެ ހިދުމަތް ވެސް މެދުކެނޑުނެވެ. މި ދުވަސްވަރު ކުއްލިއަކަށް އަންނަ ވިލާގަނޑުތަކާއި ނަގޫރޯޅި ފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.