ރަސްމާލެ މަޝްރޫއަކީ ނުފޫޒު ފޯރުވުމަށް ނުވަތަ ނާޖާއިޒު މާލީ ފައިދާއެއް ހޯދުމަށް ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މި މަޝްރޫއާ ގުޅިގެން ސަރުކާރަށް ނުވަތަ އެއްވެސް މިނިސްޓަރަކަށް ހަދިޔާއެއްގެ ގޮތުގައިވެސް އެއްވެސް އެއްޗެއް ދީފައި ނުވާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރާއި އިޒްރޭލާ ގުޅުވައިގެން ދެކެވޭ ވާހަކަތަކާ ގުޅިގެން ދީނީ އިލްމުވެރިންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބޭއްވި އެ ބައްދަލުވުމުގެ ސައްހަ އޯޑިއޯއެއް ލީކުވެފައިވާއިރު، އަލައްބާރަކީ މާޒީގައި އިޒްރޭލާއި ޒަޔަނިސްޓުންނާ ގާތްގުޅުމެއް ބޭއްވި ބޭފުޅަކަށް ވާތީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޒަޔަނިސްޓުންގެ މައްސަލައިގައި އަލައްބާރާ ސީދާ ސުވާލުކުރެއްވި ކަމަށާއި، އެފަދަ ގުޅުންތަކެއް އޮތީ މާޒީގައި ކަމަށާއި މިހާރު އެފަދަ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން އަލައްބާރާމެދު އިދިކޮޅު ފަރާތްތަކާއި އާންމުންގެ ކަންބޮޑުވުން އުފެދިފައިވަނީ، 2005 ވަނަ އަހަރު އިޒްރޭލުގެ އިސްވެރިންނާ އޭނާ ސިއްރަށް ބައްދަލުކުރައްވައި ގައްޒާގެ ބައެއް ބިންތައް ގަތުމަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ވިސްނުން ގެންގުޅޭ ގައުމެއް ކަމަށާއި، ރާއްޖެއިން ޒަޔަނިސްޓުންނަށް ޕްރޮޕަޓީ ގަނެވިދާނެ ފަދަ އެއްވެސް ފުރުސަތެއް ފަހިވުމަކީ ދިވެހިންގެ ކަންބޮޑުވުމެއްކަން އަލައްބާރަށް ސީދާ އަންގަވާފައިވާނެ ކަމަށެވެ.

އަލައްބާރުގެ ދިފާއުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ "މި މަޝްރޫއަކީ ނުފޫޒު ފޯރުވުމަށް ނުވަތަ ނާޖާއިޒު މާލީ ފައިދާއެއް ހޯދުމަށް ހިންގާ ކަމެއް ނޫން، މި މަޝްރޫއާ ގުޅިގެން ސަރުކާރަށް ނުވަތަ އެއްވެސް މިނިސްޓަރަކަށް ހަދިޔާއެއްގެ ގޮތުގައިވެސް އެއްވެސް އެއްޗެއް ދީފައެއް ނުވާނެ" ކަމަށެވެ. އަދި އޭނާގެ ހަގީގީ ބޭނުމަކީ އިންވެސްޓްކުރާ ގައުމުތަކުގެ ހާލަތު ރަނގަޅުކޮށް ބަދަލުކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އަލައްބާރުގެ އީމާރު ކުންފުނީގެ ހަރަދުގައި ފަލަސްތީނުގެ ގައްޒާގައި 20،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތެއްވެސް ދަނީ ކުރަމުންނެވެ. އަދި މުސްތަގުބަލުގައި ލިބޭ އާމްދަނީން ކެނޑޭ އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އެޅުމަށް އަލައްބާރު އެއްބަސްވެވަޑައިގަތީ، އޭނާއަކީވެސް އެއް ކޮޓަރިއެއްގައި އަށް ބެއިންނާއެކު އުޅެ ބޮޑުވި ބޭފުޅަކަށް ވުމުން އާދައިގެ ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަން އިހުސާސްކުރެއްވޭތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.